ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ވަކިވަކި މެންބަރުން ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރުމުގައި އެ ޕާޓީގެ ނަމާއި ވަސީލަތެއް ބޭނުން ނުކުރުމަށް އެ ޕާޓީން ހަދުމަކޮށްދީފިއެވެ.
މި ހަނދުމަ އެ ޕާޓީން ކޮށްދިނީ މިކަމާއި ގުޅޭގޮތުން އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ވޭތުވެދިޔަތަނުގައި ކޯލިޝަން ހަދައިގެން 3 ފަހަރުމަތީންވެސް ލިބުނު ހިތިތަޖުރިބާ އާއި ނަތީޖާއަށް ބެއްލެވުމަށްފަހު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައިވީނަމަވެސް އެ ޕާޓީގެ ކައުންސިލްގެ މި ނިންމުމުގެ ސަބަބުން މެންބަރުންގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް ޕާޓީގެ ލީޑަރަށް ފެނިވަޑައިގަންނަވާތީ، ޕާޓީގެނަން އަދި ޕާޓީގެ އެއްވެސް ވަޞީލަތެއް ބޭނުން ނުކޮށް، އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމާއި، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ކޮންމެ މެންބަރަކަށްވެސް ލިބިވަޑައިގަންނަވާ ޤާނޫނީ ޙައްޤެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާތީވެ، މިކަން ޖުމްހޫރީ ޕާޓީގެ އެންމެހައި މެންބަރުންގެ މަޢުލޫމާތަށްޓަކައި އަންގާފައިވާނެކަމަށެވެ.
"ވީމާ، ރިޔާސީ އިންތިޚާބު 2023 – 30 ސެޕްޓެމްބަރ (2 ވަނަ ބުރު) ގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ނަން އަދި ޕާޓީގެ އެއްވެސް ވަޞީލަތެއް ބޭނުންނުކުރެއްވުމަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން ދެންނެވީމެވެ." ޖޭޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޖޭޕީން ވަކިކޮޅެއް ނުނެގި ނަމަވެސް ޖޭޕީގެ ލީޑަޝިޕްގައި ހިމެނޭ ގިނަ ބަޔަކު އަންނަނީ ކޮޅު ހިޔާރު ކުރަމުންނެވެ. އެގޮތުން ގާސިމްގެ އެޑްވައިޒަރު ނިހާން ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމަވާފައިވާއިރު އެޑްވައިޒަރު އަލީ ވަހީދާއި އެޑްވައިޒަރު ރިޔާޒް ރަޝީދު އަދި ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް