އަދީބު ސިންގަޕޫރުގައި މަޖާ ނަގާއިރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތްވެސް ނުބޭއްވޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ، ޔާމީނުގެ އިސްތިއުނާފީ އަޑުއެހުން މިއަދު ބާއްވަން ހަމަޖެއްސުމަށް ފަހު، ކެންސަލް ކޮށްލުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ އެހެން ކުށްވެރިންނާއި، ބޮޑެތި ކުށްތަކަށް އަރައިގަނެފައި ތިބި މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނު ދޫ ނުކުރައްވައި ހިފަހައްޓާފައިވާ ކަމަށެވެ.
މިއަދުގެ އިސްތިއުނާފީ އަޑުއެހުން ކެންސަލް ކުރުމާމެދު ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، އެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް ކަމަށެވެ. އަދި އެ ޝަރީއަތަށް ރައީސް ސޯލިހު ނުފޫޒު ފޯރުވަމުން ދާކަމަށެވެ.
ޕީޖީއާ ގުޅޭގޮތުންވެސް ތުހުމަތުކަމެއް ކުރައްވަމުން ޖަމީލް ވިދާޅުވީ، ޕީޖީއަކީ ރައީސް ސޯލިހުގެ 'އުނގުގައި' އިންނަވާ ބޭފުޅެއް ކަމަށެވެ. އަދި ޕީޖީއިން ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކޮށްދޭން އެދުމުންވެސް އެކަން ކޮށް ނުދިން އިރު، ބޮޑެތި ކުށްވެރިން ދޫކޮށްލާފައި ވާކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެންކަމުން އިސްތިއުނާފީ މައްސަލަ ވީހާވެސް އަވަހަށް ކޮޅެއްގައި ޖައްސައި، ޔާމީން ވީހާވެސް އަވަހަކަށް ގެއަށް ބަދަލު ކޮށްދިނުމަށް ޖަމީލް ގޮވާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް