ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމަވައިފިއެވެ.
އެކަން ހާމަ ކުރައްވައި އިލްހާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ޤާބިލް ބޭފުޅަކީ މިހާރުގެވެސް ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ސޯލިޙުކަމަށް އަޅުގަނޑަށް ފެންނާތީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް އަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން" އިލްހާމް ވިދާޅުވިއެވެ.
އޭގެ އިތުރުން އިލްހާމް ވިދާޅުވީ، ފާއިތުވެ މިދާ ރިޔާސީ ދައުރުގައި، ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކު ވެރިކަން ކުރެއްވޭނެކަން އިބްރާހީމް މުޙައްމަދު ސޯލިޙް ސާބިތު ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުޞަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ރައީސް ދައްކަވާފައި ވާކަމަށް އިލްހާމް ވިދާޅުވިއެވެ.
"ٱللَّٰه ގެ ތަނަވަސް ރަހުމަތްފުޅުން މި ރިޔާސީ އިންތިޚާބް ކާމިޔާބް ކުރައްވާނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް" އިލްހާމް ވިދާޅުވިއެވެ.
ސިޔާސީ ގޮތުން ގިނަ ތަޖުރިބާތަކެއް ކުރެވިފައިވާކަމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަބުރާއި ގުޅޭގޮތުން ނިންމާގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ވިދާޅުވެ ، އިލްހާމް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2008 ވަނަ އަހަރު ސިޔާސީ މައިދާނަށް ނިކުމެ މަޖިލީހަށް އިންތިޚާބުވި ދުވަހުން ފެށިގެން ސިޔާސީގޮތުން ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ތަފާތު ގިނަ ތަޖްރިބާތަކެއް ކުރަން ޖެހުނު ކަމަށާއި އެގޮތުން އިލްހާމް އާއި އިލްހާމްގެ އާއިލާ ވަނީ އެކިފަހަރުމަތީން ފުރާނައަށް ނުރައްކާވާ ޙާލަތްތަކާއި ކުރިމަތި ކަމަށެވެ.
“ތަހައްމަލު ކުރަންޖެހުން ކަންތައްތަކުގައި ތެރޭގައި އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނަންޖެހުމާއި، ކުށެއްނެތި ގިނަ ދުވަހު ހުރަގޭގައި ވަރަށް އަނިޔާވެރިކޮށް ބަންދުވެފައި އޮންނަންޖެހުނު ދުވަސްތަކެއްވެސް ދިޔަ” އިލްހާމް ވިދާޅުވެފައިވެއެވެ.
އިލްހާމް ވިދާޅުވެފައިވަނީ އެ ހުރިހާ ހިތި ތަޖުރިބާތަކުގެ އަލީގައާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ގޮތުން މުހިންމު ނިންމުމެއް ނިންމަންޖެހިފައިވާކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި އިލްހާމްގެ ސިޔާސީ ހަޔާތް ތަރުތީބުވެގެންދާނީ މިދެންނެވުނު ނިންމުމުގެ މައްޗަށް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިލްހާމް އަހްމަދާއި އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހިގެން ދިޔައެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން އިލްހާމް ވަނީ ގާސިމް އިބްރާހިމް އާއެކު ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ގާސިމްގެ އަރިހުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ގާސިމްގެ އެޑްވައިޒަރުކަމުން ސްޕެޝަލް އެންވޯއީގެ މަގާމު އަދާކޮށްފައިވެއެވެ. އަދިވެސް ހުންނެވީ ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައެވެ.
ރިޔާސީ އިންތިހާބުގައި ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވީނަމަވެސް ވަކިވަކި މެންބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އިހްތިޔާރު އޮންނާނެކަމުގައި ގާސިމް ހާމަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް