މި ސަރުކާރާ، އަޅުގަނޑުމެންގެ ސަރުކާރަކާ، އުޑާ ބިމާހާ ތަފާތު ވާނެ: މުއިއްޒު

މި ސަރުކާރާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރަކާ 'އުޑާ ބިމާހާ' ތަފާތު ވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ...

21 Sep 2023 | 07:44

މި ސަރުކާރާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރަކާ 'އުޑާ ބިމާހާ' ތަފާތު ވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރ. އަނގޮޅިތީމަށް ވަޑައިގަންނަވާ، އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ، ރަށްރަށުގެ ކަންކަމުގައި، ރަށެއް ކުރިއެރުވުމަށް ހުންނަންވީ އެކުވެރިކަމާއި އެއް ވިސްނުމެއް ކަމަށެވެ. އެގޮތުން އަނގޮޅިތީމުގެ ކައުންސިލްގެ ރައީސަކަށް ހުންނެވި އެމްޑީޕީގެ މެމްބަރެއް ޕީޕީއެމްއަށް ސޮއި ކުރައްވާފައި ވާކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅޭކަމީ، އުފާކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ރަށެއްގެ ތަރައްގީއަށް ކުރަން ހުންނަ ކަންކަމަކީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެގެން، އެކަމާ ހިޔާލު ތަފާތުވާ ވަރަށް ވުރެ އެއް ވިސްނުމެއްގައި މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބަށް ދާއިރުގައި ނިންމަން ޖެހޭނީ، މި ފަސް އަހަރު ފަށާ އެހެނަސް ނުނިމިފައި ހުރި މަޝްރޫއުތައް ހުރި ގޮތަށް ހުއްޓާ، ހަމަ އެގޮތަށް ކުރިއަށް ދާނީތޯ ނުވަތަ ހަމަ ހަގީގަތުގައިވެސް އެކަންކަން ނިންމައިދީ، ރައްޔިތުން ބޭނުންވާ ގޮތަށް ނަތީީޖާ ނެރެދެވޭނެ ގޮތަކަށް ކުރިއަށް ދާނީތޯ ކުރެވޭ ސުވާލަށް ޖަވާބު ދޭން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމަށް އާދެވިއްޖެ ނަމަ ނަތީޖާ ނެރެދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ނަތީޖާ ނެރުމުގައި ޕީޕީއެމް/ޕީއެންސީއަށް އިތުބާރު ކުުރުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ވެގެން ދާނެ. ކަމަށާއި އެކަމުގެ ޔަގީންކަން ދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަނގޮޅިތީމުގައި ނޫނަސް ވަރަށް ގިނަ ރަށްރަށުގެ ގިނަ މަޝްރޫއުތަކެއް ހުރީ ފެށުމަށްފަހު އަޅާނުލާ ދޫކޮށްލެވިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގިނަ ފަހަރު އެހެން ވަނީ، ސަރުކާރުގެ އެންމެ މަތީ ފަންތީން ފެށިގެން އެކި ލެވެލްތަކުގައި ދޭންޖެހޭ ސަމާލުކަން ނުދީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ދޫކޮށްލެވިފައި ވާތީ. ޕީއެންސީގެ ސަރުކާރެއްގައި ފެންނާނީ އެގޮތެއް ނޫން. ރައްޔިތުން އިސްކުރާނީ. ރައްޔިތުންނާ ގާތުން، ދުވަހުން ދުވަހަށް ހިދުމަތް ދެވޭގޮތަށް" މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް