ނިޒާމު ބަދަލުކުރާ ވޯޓު ހަމަޖައްސަން މަޖިލީހުން އީސީއަށް ފޮނުވައިފި – އީސީން ގާނޫނީ ލަފާ ހޯދަނީ

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު...

21 Sep 2023 | 06:57

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ލިބިއްޖެ ކަމަށް އީސީން ބުނެފިއެވެ.

އީސީން ބުނީ، އެކަމާމެދު އެ ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު ކޮމިޝަނުން ހޯދަމުންދާ ކަމަށެވެ.

ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، އަންނަ މަހުގެ 30 ވަނަ ދުވަހު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން އީސީއަށް އެންގުމަށް ނިންމައި، އެ ގަރާރު މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެއެވެ.

ނިޒާމީ ވޯޓު ނަގަން މަޖިލީހަށް ގަރާރު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާ ތަމްސީލު ކުރައްވާ، ދަ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބެވެ.

އެ އިސްލާހާއެކު، އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 31 މެމްބަރުންގެ އިއްތިފާގުން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކުގައެވެ.

އެއާއެކު، ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

މިގެ ކުރިން އީސީއިން ބުނެފައި ވަނީ، ނިޒާމީ ވޯޓެއް ނަގާނަމަ އެ އިންތިހާބަކަށް މަދުވެގެން 30 ދުވަސް ބޭނުންވާނެ ކަމަށެވެ.

އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ އިންތިޚާބަށް ޚަރަދުވާނެ ކަމަށެވެ.

” އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް” ހަބީބް ވިދާޅުވިއެވެ.

ނިޒާމީ ވޯޓަކަށް ދާން ވަކާލާތޔު ކުރާ ދަ ޑިމޮކްރެޓްސް ޕާޓީން، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ޕީޕީއެމްއާއި އެމްޑީޕީއިންވެސް އެއްބަސްވެފައި ނުވާތީ، ޑިމޮކްރެޓްސްއިން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް