ޖޭޕީގެ ސްލޮޓްގައި ހުންނެވި ފިޝަރީޒް މިނިސްޓަރު ރައީސް ސޯލިހުގެ ކެމްޕޭނަށް ދޮރުން ދޮރަށް ހިންގަވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ދޮރުން ދޮރަށް ހިންގަވައިފިއެވެ. ޑރ. ހުސައިން ދޮ...

21 Sep 2023 | 06:18

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ދޮރުން ދޮރަށް ހިންގަވައިފިއެވެ.

ޑރ. ހުސައިން ދޮރުން ދޮރަށް ހިންގަވާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.

ކެމްޕޭނުގެ ފޮޓޯތައް އާއްމު ކުރައްވަމުން ޑރ. ހުސައިން ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިޚާބު ކުރުމުގެ ކެމްޕޭނުގައި، ހުޅުމާލޭ ފޭސް 2 ގެ ބިޔަ ޓަވަރު ތަކުގައި ދޮރުން ދޮރަށް ހިންގަވަނީ ކަމަށެވެ. އަދި ސެޕްޓެމްބަރު 30 ގައި، ރައީސް އިބޫ، ކެންޑިޑޭޓް ނަންބަރ 3، އަށް ވޯޓުދެއްވުމަށް ޑރ. ހުސައިން އެދިލެއްވިއެވެ.

https://twitter.com/DrHussainHassan/status/1704691915923583277

މި ސަރުކާރު އުފެދުނުއިރު ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތް ޖޭޕީން އަންނަ ދައުރުގައި ވަކިން ވާދަކުރަން ނިންމައި ސަރުކާރާ ވަކިވި ނަމަވެސް، ޖޭޕީގެ ސްލޮޓްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބައެއް މިނިސްޓަރުން އަދިވެސް މަގާމުގައި އެބަ ތިއްބެވިއެވެ.

އިންތިހާނުގެ ފުރަތަމަ ބުރުން ނާކާމިޔާބު ވުމުން ޖޭޕީން ނިންމީ ދެވަނަ ބުރުގައި ޕީޕީއެމްއާއި އެމްޑީޕީއަށްވެސް ނޫނެކޭ ބުނެ، އެއްވެސް ފަޅިއަކަށް ނާރާށެވެ.

އޭގެ ފަހުން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ތާއީދު ކުރަން ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

“ޕާޓީގެ ކައުންސިލްގެ މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް އަޅުގަނޑަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމުގައި އަޅުގަނޑުދެކޭތީ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކާ މި ވާހަކަ ދެންނެވީމެވެ.” ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮންކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ ޢައުލަބިއްޔަތުން ގާސިމަށް މަތިކުރުމުން، ނިންމާފައިވާނީ ވެޔަތުވިތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާ އަށް ބެލުމަށްފަހު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް