ދެވަނަބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސްއިން ނިންމައިފި

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ. ޑިމޮކްރެޓްސްއިން ބުނީ، ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވ...

21 Sep 2023 | 05:44

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

ޑިމޮކްރެޓްސްއިން ބުނީ، ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ އިންޓަރިމް ކައުންސިލްގެ ނިންމާފައިވަ ގޮތުގެމަތިން، އިއްޔެއާ ހަމައަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އަދި އެމްޑީޕީއިންވެސް އެއްބަސްވެފައި ނުވާތީ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާށެވެ. އަދި އެކަމާ ގުޅޭގޮތުން ވަނީ ޕާޓީތަކާ މަޝްވަރާ ކޮށްފައެވެ،

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ނިޒާމު ބަދަލު ކުރުމުގެ ވޯޓު ނެގުމަށް ކަމަށާއި ނަމަވެސް އެގޮތް ބޭނުން ނުވާ ކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފިައެވެ.

މީގެ ކުރިން ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ނިޒާމު ބަދަލު ކުރާ ވޯޓު ނަގަން ބޭނުމީ ރިންތިހާބުގެ ދެވަނަ ބުުރުގެ ކުރިން ކަމަށެވެ.

އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމަށް ދެކުނުލައްވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ރައީސް ސޯލިހާއި ނަޝީދު މިފަހުން ވާހަކަ ދެއްކެވީ ފޯނުންކަން ފާހަގަ ކުރައްވައި ލަތީފް ވިދާޅުވީ، ނިޒާމު ބަދަލު ކުރާ ވޯޓު ނަގަން ބޭނުމީ އެންމެ ލަސް ވެގެން މި މަހުގެ28 ވަނަ ދުވަހު ކަމަށެވެ.

ނަޝީދު ބޭނުންފުޅުވަނީ، މިހާރު އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު އެކުވާނީ ބަރުލަމާނީއަށް ތާއިދު ކުރާ ބަޔަކާ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމްއާ މަޝްވަރާ ކުރުމުން އެޕާޓީން އެގޮތަށް ގަބޫލެއް ނުވިއެވެ. އޭގެ ފަހުން ނަޝީދު މަސައްކަތް ކުރެއްވީ، ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރައްވާށެވެ. ނަމަވެސް ނިޒާމު ބަދަލު ކުރުމަށް ޝައުގުވެރިކަން ނެތުމާއެކު ޔާމީން ވަނީ އެ ބައްދަލުވުމަށް އިންކާރު ކުރައްވާފައެވެ.

ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ގިނަ އެކްޓިވިސްޓުން ބުނަމުން ދަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރަން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު، ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާ ކުރައްވާފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ، އެކުގައި ކުރިއަށް ދެވިދާނެ ގޮތަކާމެދު ނަޝިދުއާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް މި މަހުގެ ތެރޭގައި ނެގުމަށް އެ ޕާޓީން އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެފަދަ ވޯޓެއް ނެގުމަކީ އެހަ ‘ޕްރެކްޓިކަލް’ ކަމެއް ނޫން ކަމަށް ނަޝީދަށް ދަންނަވާފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އިންތިހާބުގެ ދެވަނަ ބުރަށްފަހު، ނިޒާމީ ވޯޓެއް ނަގާނެ ދުވަސް ކަނޑައަޅާނެ ކަމަށް ނަޝީދަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

“މިހާރު މަޖިލީހުގަ ގަރާރެއް އެބަ އޮތް ދެއްތޯ، ނިޒާމީ ވޯޓު ނެގުމާ ބެހޭގޮތުން. އަޅުގަނޑު ދެންނެވިން އެ ފާސްކޮށްފަ އަޅުގަނޑަށް ފޮނުވާށޭ، ފޮނުވީމަ އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަސް ލިޔުމަކުން ރިކުއެސްޓް ކުރާނަމޭ، މިވެނި ތާރީހެއްގަ އެ ވޯޓު ނަގައިދޭން” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނޮވެމްބަރު17 ގެ ކުރިން ނިޒާމާ ބެހޭ ވޯޓު ނަންގަވާނެ ކަމަށް ނަޝީދު އަރިހުގައި ދަންނަވާފައި ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް