ސިޔާސީ ގޮތުން ގިނަ ތަޖުރިބާތަކެއް ކުރެވިފައިވާކަމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަބުރާއި ގުޅޭގޮތުން ނިންމާގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ މިއަދު ޓްވީޓާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އިލްހާމް ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ސިޔާސީ މައިދާނަށް ނިކުމެ މަޖިލީހަށް އިންތިޚާބުވި ދުވަހުން ފެށިގެން ސިޔާސީގޮތުން ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ތަފާތު ގިނަ ތަޖްރިބާތަކެއް ކުރަން ޖެހުނު ކަމަށާއި އެގޮތުން އިލްހާމް އާއި އިލްހާމްގެ އާއިލާ ވަނީ އެކިފަހަރުމަތީން ފުރާނައަށް ނުރައްކާވާ ޙާލަތްތަކާއި ކުރިމަތި ކަމަށެވެ.
"ތަހައްމަލު ކުރަންޖެހުން ކަންތައްތަކުގައި ތެރޭގައި އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނަންޖެހުމާއި، ކުށެއްނެތި ގިނަ ދުވަހު ހުރަގޭގައި ވަރަށް އަނިޔާވެރިކޮށް ބަންދުވެފައި އޮންނަންޖެހުނު ދުވަސްތަކެއްވެސް ދިޔަ" އިލްހާމް ވިދާޅުވެފައިވެއެވެ.
އިލްހާމް ވިދާޅުވެފައިވަނީ އެ ހުރިހާ ހިތި ތަޖުރިބާތަކުގެ އަލީގައާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ގޮތުން މުހިންމު ނިންމުމެއް ނިންމަންޖެހިފައިވާކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި އިލްހާމްގެ ސިޔާސީ ހަޔާތް ތަރުތީބުވެގެންދާނީ މިދެންނެވުނު ނިންމުމުގެ މައްޗަށް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިލްހާމް އަހްމަދާއި އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހިގެން ދިޔައެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން އިލްހާމް ވަނީ ގާސިމް އިބްރާހިމް އާއެކު ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ގާސިމްގެ އަރިހުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ގާސިމްގެ އެޑްވައިޒަރުކަމުން ސްޕެޝަލް އެންވޯއީގެ މަގާމު އަދާކޮށްފައިވެއެވެ. އަދިވެސް ހުންނެވީ ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަގާމުގައެވެ.
ރިޔާސީ އިންތިހާބުގައި ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވީނަމަވެސް ވަކިވަކި މެންބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އިހްތިޔާރު އޮންނާނެކަމުގައި ގާސިމް ހާމަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް