ރިޔާސީ އިންތިހާބުގެ ދެވަނަބުރާއިމެދު މިރޭ ގޮތެއް ނިންމާނެކަން އުމަރު ނަސީރު ހާމަކުރައްވައިފިއެވެ.
އުމަރު މިހެން ވިދާޅުވީ އުމަރުގެ އޮފިޝަލް ފޭސްބުކް ޕޭޖަށް ޕޯސްޓްކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ބުނެފައިވަނީ މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭގޮތުން އުމަރާއި އުމަރުގެ New Direction ޓީމުން ނިންމާ ނިންމުން އިއުލާނުކުރުން މިރޭ 09:30ގައި ކެމްޕޭނު ސްޓޫޑިއޯއިން ވަގުތުން، ފޭސްބުކް ޓިކްޓޮކްގައި ލައިވްކޮށް ގެނެސްދޭނެ ކަމަށެވެ.
އުމަރުގެ ނިންމުން މިރޭ ހާމަކުރާނެކަން އިއުލާނުކޮށްފައިވާއިރު ދެވަނަ ބުރެއްގައި އެއްވެސް ކޮޅެއް ހިޔާރު ނުކުރައްވާނެކަން، ފުރަތަމަ ބުރުގެ ކެމްޕޭނުގެ ތެރޭގައި އުމަރު އިއުލާނުކުރައްވާފައިވެއެވެ.
ފުރަތަމަ ބުރުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން ހަސަން ޒަމީލް އާއި މުހައްމަދު ނާޒިމް އާއި ފާރިސް މައުމޫންގެ އިތުރުން ގާސިމް އިބްރާހިމް ވަނީ ގޮތެއް ނިންމަވާ އެކަން ހާމަކޮށްފައެވެ.
އެގޮތުން ނާޒިމް ފިޔަވާ ދެންތިބި ކެނޑިޑޭޓުން ނިންމީ ދެވަނަ ބުރެއްގައި އެއްވެސް ކޮޅެއް ހިޔާރު ނުކުރުމަށެވެ. ނާޒިމް ހިޔާރު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށެވެ.
އެހެންކަމުން އަދި ގޮތެއް ނުނިންމާ ތިބީ އުމަރުގެ ޓީމާއި ދަ ޑިމޮކްރެޓްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް