ގަތަރު ވޯލްޑްކަޕަށް ފަހު ވެސް ރިޓަޔަރ ނުކުރާނަން، އަންނަ ޔޫރޯގައި ވެސް ކުޅޭނަން - ރޮނާލްޑޯ

މެންޗެސްޓާ ޔުނައިޓެޑާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް އޭނާ ބުނެފިއެވެ. ނޭސަންސް ލީގުގެ މެޗުތައް ކުޅުމަށް ޕޯޗުގަލް...

21 Sep 2022 | 16:17

މެންޗެސްޓާ ޔުނައިޓެޑާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް އޭނާ ބުނެފިއެވެ.

ނޭސަންސް ލީގުގެ މެޗުތައް ކުޅުމަށް ޕޯޗުގަލް ގައުމީޓީމާއި އެކު މިވަގުތު ހުރި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ވެސް ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަރ ވާން ނުވިސްނާ ކަމަށެވެ. އަދި 2024 ވަނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ކުޅެން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުންޏެވެ.

މީގެ ކުރިން ބައެއް މީޑިއާ ރިޕޯޓުތަކުގައި އަޑު ފެތުރިފައިވާ ގޮތުން މިއަހަރުގެ ވޯލްޑްކަޕަށް ފަހު ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރޮނާލްޑޯ ރިޓަޔަރ ކުރާނެއެވެ. އަދި އެފަދަ އިޝާރާތެއް ވެސް ރޮނާލްޑޯ މީގެ ކުރިން ދީފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ނޭޝަންސް ލީގުގައި ޗެކްރި ޕަބްލިކާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އޭނާ އަދި އެއްވެސް ވަރަކަށް ރިޓަޔަރ ވުމަށް ނުވިސްނާ ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލްގެ ޖާޒީގައި ކުޅެން ބޭނުންވާ ކަމަށެވެ.

" އަހަރެން އަދި ރިޓަޔަރ ކުރމުގެ ވިސްނުމެއް ނެތް. އަންނަ ވޯލްޑް ކަޕަށް ފަހުވެސް ޕޯޗުގަލް ގައުމީޓީމުގެ ޖާޒީގައި ގައުމު ތަމްސީލް ކުރަން ބޭނުން. 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ކުޅެން ބޭނުން." ރޮނާލްޑޯ ބުންޏެވެ

މީގެ އިތުރުން ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑްގެ މުސްތަޤުބަލާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ރޮނާލްޑޯ ބުނީ އޭނާ އަދިވެސް ހުރީ ޔުނައިޓެޑު ދޫކޮށްލުމުޔެ ވިސްނުމުގައި ކަމަށާއި، އެގޮތުން އަންނަ ޖެނުއަރީ ޓްރާންސްފާގައި ކުލަބު ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ނަމަވެސް ޔުނައިޓެޑުގައި ހުރިހާ ދުވަހަކު ކޯޗު އެރިކް ޓެން ހާގް ހަވާލުކުރާ ޒިންމާތައް ރަނގަޅަށް އަދާކުރާނެ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް