ތިލަފުށީގައި ވެމްކޯއިން މެނޭޖްކުރާ ކުނި ގޮނޑެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށާއި، އަލިފާން މިހާރު ނިއްވާލާފައިވީނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުވެސް އެ ގޮނޑުން ދުން އަރާފާނެކަމުގައި ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ވެމްކޯގެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަގުތީގޮތުން ކުނިބަހައްޓާ ސަރަހައްދުގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައި ކަމަށާއި މި ހާދިސާއާއި ގުޅިގެން ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ ޑިޕާޓްމަންޓާއި ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުން ނިންވާލެވިފައިވީނަމަވެސް، އެ ސަރަހައްދުން ދުން އަރަމުންދާކަން ފާހަގަކުރާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުވެސް އެ ސަރަހައްދުން އަލިފާންފެނި ބޯކޮށް ދުންއެރުމީ އެކަށީގެންވާކަމަށާއި ވީމާ މިކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާކަމުގައި ބުނެފައިވެއެވެ.
"މި ކޯޕަރޭޝަންގެ ފަރާތުން ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތުގައި، ދުވާލެއްގެ މައްޗަށް 500 ޓަނަކަށްވުރެ ގިނަ ކުނި، ޕްރޮސެސްކޮށް ބޭލް ކުރެވެމުންދެއެވެ. ނަމަވެސް ތިލަފުއްޓަށް ގެނެވޭ ކުނީގެ އަދަދު އިތުރުވެފައިވުމާއި ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތް އިތުރުވެފައިވާތީ، ވަގުތީގޮތުން ކުނި ބަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނިފުންޏާއި ކީވޯލްއާއި ދެމެދުގައެވެ." ވެމްކޯއިން ބުނެފައިވެއެވެ.
މި ފުރުސަތުގައި ތިލަފުއްޓަށް ކުނިގެންދާ އުޅަނދުތަކުން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނިގެންދިއުމަށާއި އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް ތަކުރާރުކޮށް ހަނދުމަކޮށްދޭކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން އިތުރަށް ބުނެފައިވަނީ ތިލަފުށީ ކުނިގޮނޑުން ދުންއެރުން ހުއްޓުވައި، ކުނި މެނޭޖްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި މި ކޯޕަރޭޝަނުން، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭ ތަނަކަށް ހެދުމަށްކުރެވޭ މަސައްކަތްތައް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް