ވިލިމާލޭގައި ހިދުމަތް ދިނުމަށް އިލެކްޓްރިލް ބަގީ ހޯދަން މާލޭ ސިޓި ކައުންސިލުން އިއުލާނު ކޮށްފި އެވެ.
މިހާރު ވިލިމާލޭގައި ބަގީގެ ހިދުމަތް ދެނީ އަމިއްލަ ކުންފުންޏަކުންނެވެ، އެކަމަކު އެ ހިދުމަތް ނުދޭތާ އެތައް ދުވަހެއް ވުމުން އެއްބަސްވުން ބާތިލް ކުރަން މާލޭ ސިޓި ކައުންސިލުން ވަނީ ނިންމާފަ އެވެ.
އެކަމަކު އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ ސިޓީ ކައުންސިލްގެ އެންގުމަށް އަމަލު ކުރުން މަޑު ޖައްސާލުމަށް އަމުރު ކޮށްފަ އެވެ.
ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވަނީ ހަ ބަގީ ހޯދުމަށެވެ. ސިޓީ ކައުންސިލުން ބުނީ މަސައްކަތް ކުރަމުންދަނީ ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ތަޢާރަފްކޮށް، ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ބޭނުން ކުރުމަށް ކަމަށެވެ.
މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްފަހު، އަންނަމަހުގެ ފަސް ވަނަ ދުވަހު އަގު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދެއެވެ. އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ވިލިމާލޭއަކީ މީހުން އާބާދުވީއްސުރެ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ރަށެކެވެ. އެރަށުގައި މުޅިންވެސް ބޭނުންކުރަމުން އަންނަނީ ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް