އެމެރިކާގެ ކޯވިޑް އެހީ ފަންޑުން ކާރާއި ލަގްްޒަރީ ގެ ގަތް 47 މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

އެމެރިކާއިން ކޯވިޑްގެ ޕެންޑަމިކާއި ގުޅިގެން ހުޅުވި އެހީގެ ފަންޑުން 250 މިލިއަން ޑޮލަރުގެ ވައްކަން ކުރި ބަޔަކާއި ދެކޮޅަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފި އެވެ. މި ދައުވާ 47 މީހެއްގެ މައްޗަށް ކުރާއިރު...

21 Sep 2022 | 06:40

އެމެރިކާއިން ކޯވިޑްގެ ޕެންޑަމިކާއި ގުޅިގެން ހުޅުވި އެހީގެ ފަންޑުން 250 މިލިއަން ޑޮލަރުގެ ވައްކަން ކުރި ބަޔަކާއި ދެކޮޅަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފި އެވެ.

މި ދައުވާ 47 މީހެއްގެ މައްޗަށް ކުރާއިރު އެމީހުންނަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަަމަށްވާ "ފީޑިން އަވާ ފިއުޗާ" ހިންގާ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން މި ދައުވާއަށް އިންކާރުކޮށް ބުނެފައިވަނީ ފެށުނީންސުރެ ބުނަމުން ގެންދާގޮތަށް އަދިވެސް ބުނާނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެފައިނުވާނެ ކަމަށެވެ.

މި މައްސަލައިގަ ދައުލަތުގެ ޕްރޮސެކިއުޓަރުން ބުނެފައިވަނީ އެމީހުން ފަންޑުން ފައިސާ ހޯދަން ހުށަހެޅީ ޕެންޑަމިކްގައި ކުޑަކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަމަށް ބުނެ ކަމަށެވެ. އެ ފަންޑުން ކާބޯތަކެތި ފޯރުކޮށްދިނުމަށް ފައިސާ ދޫކުރަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ރެސްޓޯރެންޓަކުން ލިޔެކިޔުން ހުށަހެޅުމުންނެވެ.

ޕްރޮސެކިއުޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހުން ރެސްޓޯރެންޓެއް މެދުވެރިކޮށް ލިޔުންތައް ހުށަހެޅީ އެ ރެސްޓޯރެންޓު މުވައްޒަފުންނަށް ރިޝްވަތު ދީގެންނެވެ. އަދި ކާންދޭ ކުދިންގެ ނަން ލިސްޓެއް އެކުލަވާލާފައިވަނީ އިންޓަނެޓާއި އެނޫންވެސް ސްކޫލްތަކުން ވަގަށް ހޯދާފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެހީ ފަންޑުން ހޯދި ފައިސާއިން އެ މީހުން ވަނީ ލަގްޒަރީ ގެއާއި ކާރު އެކި ގައުމުތަކުން ގަނެފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އިތުރުން ތުރުކީ އާއި ކެންޔާ ފަދަ ގައުމުތައް ހިމެނެ އެވެ. މީގެ އިތުރުން އެ ފައިސާ އިން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުވެސް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގަ އެމީހުންނާއި ދެކޮޅަށް އުފުލާފައިވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ދިނުމާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް