ބޮލީވުޑްގެ ބަަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އަނަންދު އަހޫޖާގެ ދަރިފުޅަށް ނަން ކިޔައިފި އެވެ.
ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ މަހުގެ20 ވަނަ ދުވަހު އެވެ. ދަރިފުޅަށް ނަން ކިޔާފައި މިވަނީ އެއް މަސް ފުރުމުން ނެވެ.
ސޯނަމް އިންސްޓަގްރާމްގައި ބުނެފައިވަނީ ދަރިފުޅަށް ކިޔަނީ ވަޔޫ ކަޕޫރު އަހޫޖާ ކަމަށެވެ. އަދި ދެމަފިރިން ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ފުރަތަމަ ފަހަރަށް ވަނީ އާންމުކޮށްފަ އެވެ.
އެ ފޮޓޯގައި ދަރިފުޅުގެ މޫނެއް ނުފެނެ އެވެ. ދެމަފިރިންނާއި ވަޔޫ ވެސް ލައިގެން ހުރީ ރީނދޫ ކުލައިގެ އިންޑިއަން ސްޓައިލްގެ ހެދުމެކެވެ. ސޯނަމްގެ އިންސްޓަގްރާމް ޕޯސްޓުގައި ވަނީ ދަރިފުޅަށް ނަން ކިޔަން ޖެހުނު ގޮތާއި ބަހުގެ ހިންދީ މާނަ އާއި އިތުރު ތަފްސީލްވެސް ދީފަ އެވެ.
ވަޔޫއަށް އާއިލާ މީހުން މިދިޔަ އެއް މަސް ދުވަހު ލޯބިން ކިޔަމުން ދިޔައީ "ސިމްބާ" އެވެ. އެ ނަން ކިޔާ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރީ ސޯނަމްގެ ކޮއްކޮ ރިއާ ކަޕޫރެވެ.
ސޯނަމް އާއި އަނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އަނަންދަކީ އިނގިރޭސިވިލާތުގެ ލަންޑަންގައި ވިޔަފާރި ކުރާ މީހަކަށްވާތީ ކައިވެންޏަށް ފަހު ސޯނަމް ގިނައިން ދިރިއުޅުނީ އެ ގައުމުގައި އެވެ.
ސޯނަމް ބުނީ ދަރިފުޅު ވަޔޫ ބޮޑު ކުރުމުގެ ވިސްނުންވެސް ހުރީ އިނގިރޭސިވިލާތުގައި ކަމަށެވެ. އިންޑިއާގެ މާހައުލުގައި ދަރިފުޅު ބޮޑު ކުރަން ބޭނުން ނުވަނީ މާ ގިނަ މީހުންގެ ސަމާލުކަން ލިބި އުނދަގޫވާތީ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް