އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފެށިގެންދާނެކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ކަނޑުދަތުރާއިބެހޭ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ރާއްޖެއަކީ މީގެ 30 އަހަރު ކުރީއްސުރެވެސް މެރިޓައިމް ސިނާއަތުގައި ނަން ހިނގާ ގައުމެއްނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެ ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން މި ސިނާއަތް ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް