ލާމު ގަމުން އިއްޔެއިން ފެށިގެން ހޯދަމުންދިޔަ ދޮށީ އުމުރު ފުރާގެ އަންހެންމީހާ މިހާރު ފެނިފައިވާކަމަށާއި ހާލު ރަނގަޅު ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ ލ.ގަން ތުނޑި ރަތްފުސްގެ ޚަދީޖާ ޢަބްދުއްރަޙްމާން އެވެ. ޚަދީޖާއަކީ އުމުރުން 65 އަހަރުން މަތީގެ ދޮށީ އުމުރުފުރާގެ ފަރުދެކެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ މެންބަރު މަރިޔަމް ނީނާ ވިދާޅުވީ ޚަދީޖާ ޢަބްދުއްރަޙްމާން ވަނީ މިއަދު 6:25ހާއިރު ފެނިފައި ކަމަށާއި ހާލު ރަނގަޅުކަމަށެވެ.
"لحَمْدُ ِلله ޚަދީޖާ ޢަބްދުއްރަޙްމާން ވަނީ މިއަދު 6:25ހާއިރު ފެނިފައި. ހާލު ރަނގަޅު. ނަމަވެސް މާ ބޮޑަށް ވަރުބަލި ވެފައި ހުރުމުން މިހާރު ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށާފައި." ނީނާ ވިދާޅުވެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޚަދީޖާ އަބްދުއްރަހްމާން ފެނިފައިވަނީ ހޯދުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ރަށުގެ ރައްޔިތުންނާއި ސަރަހައްދުގައި ގާއިމްވެތިބޭ ފުލުންނާއި ސަރަހައްދުގައި ގާއިމްވެ ތިބޭ ސިފައިންވެސް ގުޅިގެން ކުރި މަސައްކަތުންނެވެ. ޚަދީޖާ އަބްދުއްރަހްމާން ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއާއި ދިމާލުން ވަލު ތެރެއިން ކަމަށްވެސް ދުވަހަށް އެނގިފައިވެއެވެ. ޚަދީޖާ އަބްދުއްރަހްމާން ދިރިއުޅެމުން އަންނަ ރަތްފުސްގެއަކީވެސް ވަލާއި ގާތުގައި ހުންނަ ގެއެއްކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ޚަދީޖާ ޢަބްދުއްރަޙްމާން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެދެއްވި އެންމެހާ ފަރާތްތަކަށް އެ ރަށު ކައުންސިލުން ޝުކުރު އަދާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް