އަމިއްލަ ބަރަހަނާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
އަމިއްލައަށް ބަރަހަނާވެ ނަގާފައިވާ ވީޑިއޯ އޭނާ އާންމު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު މިފަދަ އެހެން މައްސަލައެއްގައި މިހާރުވެސް އޭނާ ހުރީ ފުލުހުންގެ ބަންދުގައި އެވެ.
ނަބީލަށް ކުރާ ދައުވާގެ ޝަރީއަތް ތާވަލު ކޮށްފައި އޮތީ މިއަދު މެންދުރު 1:30 އަށެވެ. އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގަ އޭރު ނަބީލް ބުނެފައިވަނީ އެއީ އޭނާގެ ހެދި ވީޑިއޯއެއް ނޫން ކަމަށެވެ. އަދި އެ ވީޑިއޯއަކީ ނަބީލް ބޭޒާރު ކުރަން ވެގެން މޫނު އެޑިޓް ކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ބަރަހަނާވެ، އަންހެން ހެނދުން އަޅައިގެން ނަގާފައި ހުންނަ ވީޑިއޯ އާންމު ކުރާ މައްސަލައިގަ މިދިޔަ މަހު އޭނާ ހައްޔަރު ކުރުމުން ދޫކޮށްލީ ކޯޓުންނެވެ. ދޫކޮށްލީ މުޖުތަމައުއަށް އޭނާގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށް ނިންމުމަށް ފަހު އެވެ.
އޭގެ ފަހުން އަނެއްކާވެސް ނަބީލް ހައްޔަރު ކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އަދި މިހާރު ހުރީ 10 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފަ އެވެ.
ނަބީލްގެ އިތުރުން މިހާރު ސޯޝަލް މީޑިއާގައި ބަރަހަނާ ވުމާއި ނިވާކަން ކުޑަ ހެދުން އަޅައިގެން ނަގާފައި ހުންނަ ވީޑިއޯ އާއި ފޮޓޯ ލުން ވަނީ ދިވެހިންގެ ތެރޭގައި އިތުރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް