ތިމާވެށީގެ މައްސަލައިގަ ރައީސް: ރާއްޖެއަށް ނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ނޯވެވޭނެ!

ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ. އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެ...

21 Sep 2021 | 16:10

ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި މިރޭ ތަގުރީރުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ތިމާވެށީގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާތައް މިއަދު ނެތިދާ ނަމަ، ބޮޑެތި ބައްރުތަކަށް ވެސް އެ ނުރައްކާތެރިކަން މާދަމާ ކުރިމަތިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދިވެއްސަކަށް ދިރިނޫޅެވި، ދިވެހިރާއްޖެ އަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށެވެ.

އަދި މޫސުމީ ބަދަލުތަކާ ގުޅޭ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމަކީ ދިވެހިންނަށް އޮތް އިޚްތިޔާރެއް ނޫންކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ތިމާވެއްޓަށް ލިބޭ ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން މުޅި އިންސާނިއްޔަތަށްވެސް ބޮޑުކަން ފާހަގަކުރެއްވި އެވެ. އައި.ޕީ.ސީ.ސީ އިން ދާދިފަހުން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަށްވެސް ތަގުރީރުގައި ރައީސް އަލިއަޅުވާލެއްވި އެވެ.

އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް، 1901 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާ ދެމެދު 3 ގުނަވެފައިވާކަމާއި، ދުނިޔޭގެ ފިނިހޫނުމިންވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި، ކުރިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުރުމުގެ ސަބަބުން، މިހާރު އެއްވެސް ކަމެއް ފަހުންކުރަން ބެހެއްޓެން ނެތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ދުނިޔެހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައިވެސް، މިހާރު ޖައްވަށް ދޫކުރާ ގެނދަބުޅީގެ ނިސްބަތް 2030 ވަނަ އަހަރާ ހަމައަށްދާއިރު 45 އިންސައްތައަށް ދަށް ކުރަންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑުވެފައިވާ މިންވަރު ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް ދިވެހި ދަރިވަރުންތަކެއް އެމަނިކުފާނަށް ފޮނުވާފައިވާ ބައެއް ސިޓީ، އ.ދ. ގެ ޢާންމު މަޖިލީހާ ޙިއްޞާކުރައްވާފައެވެ. މި ވާހަކަތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެ ކުދިންގެ މި ވާހަކަތަކަކީ އަންނަން އޮތް ޖީލުތަކުގެ އަޑުކަމަށާއި، އެހެންކަމުން މިހާރުގެ ޖީލުތަކުން އެ އަޑުތައް އަހަންޖެހޭކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅު އެޅުމަށް އަދިވެސް ފުރުޞަތު އޮތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަންޖެހޭކަމުގައެވެ. އެ ގޮތުން، ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ފަންނީ ޤާބިލުކަމާއި، އެކަށޭނަ ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަމުން ދިފާޢުވުމުގެ ޤާބިލުކަމާއި މާލީ ތަނަވަސްކަން ނެތް ޤައުމުތަކަށް، އެޤާބިލުކަން ހުރި ޤައުމުތަކުން ކުރާ ހޭދައާއި ދޭ އެހީ އިތުރުކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން، އިޢާދަކުރަނިވި ހަކަތައަށް ހިޖުރަ ކުރުމަށް ކުރާ މަސައްކަތަކީ ކޮންމެ ދުވަހަކު ކުރާކަމަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަދަދާ އެކު، 2030 އަށް ނެޓް ޒީރޯ އަށް ވާޞިލުވުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި ތަންފީޛުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކްލައިމެޓް އިމަރޖަންސީ ޤާނޫނު (ޤާނޫނު ނަންބަރު 9/2021) ތަސްދީޤުކުރައްވާފައެވެ. އަދި އެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ގެންދަވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގައި އިސްދައުރެއް އަދާކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް