އަފްގާނިސްތާނުގެ މިހާރުގެ ހާލަތާއި މެދު ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވައިފި އެވެ.
އެމަނިކުފާނު އެ ގައުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި މިރޭ ތަގުރީރުކުރައްވަމުން ނެވެ.
ރައީސް ސޯލިހު ވިދާޅުވީ އަފްގާނުގެ މިހާރު ހާލަތާއި މެދު ދިވެހި ސަރުކާރުން ކަންބޮޑުވެވަޑައިގެންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާއި، ސަލާމަތާ ހިމާޔަތް އެ ގައުމުގައި އޮންނަން ރާއްޖޭން އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ގައުމަކަަށް ވުމަށް ޓަކައި އެ ގައުމުގައި ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އޮތުން މުހިއްމު ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އެކަންކަން ހިފެހެއްޓިއްޖެ ނަމަ އަފްގާނިސްތާނަކީ ދުނިޔޭގެ ގައުއުމުތަކާ ގުޅުންބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ، ސުލްހަވެރި، އަމާން ގައުއުމަކަށް ވެވިދާނެ ކަމަށެވެ.
އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ގަނީގެ ވެރިކަން ވައްޓާލުމަށް ފަހު މިދިޔަ މަހު ތޯލިބާނުން އެ ގައުމު ހިފި ފަހުން ދިވެހި ސަރުކާރުން ރަސްމީކޮށް އެއްޗެއް ހާމައެއް ނުކުރެ އެވެ. އަދި މިހާރު އެ ގައުމުގައި ވަގުތީ އާ ސަރުކާރެއް ތޯލިބާނުން އެކުލަވާލާފައިވާއިރު އެ ސަރުކާރު ބަލައިގަތުމާއި މެދުވެސް ރާއްޖެއިން އަދި ގޮތެއް ނުނިންމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް