ފުށިދިއްގަރު ފަޅުގެ މައްސަލައިގާ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

ކ. ފުށިދިއްގަރު ފަޅުގެ މައްސަލައިގާ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ. ކްރިމިނަލް ކޯޓުގައި މިއަދުބާއްވާފައިވަނީ ޖިހާދުގެ ފަރާތްޕުޅުން ޝަރީޢަ...

21 Sep 2021 | 12:24

ކ. ފުށިދިއްގަރު ފަޅުގެ މައްސަލައިގާ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދުބާއްވާފައިވަނީ ޖިހާދުގެ ފަރާތްޕުޅުން ޝަރީޢަތުގެ ކުރިން ހުށައަޅާފައިވާ ހުށައެޅުންތަކަށް ޖަވާބުދާރީވުމެވެ.

އެގޮތުން ޖިހާދު މިއަދުހުށައެޅުއްވި ކަންކަމުގެ ތެރޭގައި ފުށިދިއްގަރުފަޅުގެ މަޝްރޫޢުގެ އެކި މަރުހަލާތަކުގައި އެންމެ އިސްކޮށް އުޅުއްވި އަދީބަށް ދަޢުވާނުކޮށް އެހެން މީހެއްގެ މައްޗަށް ދަޢުވާނުކުރެވޭނެކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމުގެ އެއްބަސްވުން ޑްރާފްޓްކުރުމުގައި އަދީބު އިސްކޮށް އުޅުއްވިކަމަށް ވެސް ޖިހާދުގެ ފަރާތުން ފާހަގަކުރައްވާފައިވެ އެވެ.

އެކަމަށް ރައްދުދެއްވާ ދައުލަތުން ވިދާޅުވެފައިވަނީ މީހަކު މަރާ މީހަކު، ފިހާރައަކުން ގަންނަ ވަޅި ވިއްކާ މީހާ ވެސް އެ ހާލަތުގައި ކުށްވެރިވާނެ ކަމަށެވެ.

އެހެންކަމުން މިއީ ވެސް އެފަދަ ހާލަތެއް ކަމަށާއި މި މައްސަލައިގައި އަދީބުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ދައުލަތުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އަދީބުގެ ހެކި ބަހަށް ބާރު ލިބޭ އިތުރު ހެކިތަްއ ވެސް ލިބިފައިވާ ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

"މި މައްސަލަ އަދީބުގެ ހެކިބަހާއި ނުލައި ކިތާބީ ހެކިތަކަށް ރިއާޔަތްކޮށްގެން ވެސް މައްސަލަ ސާބިތުކުރެވޭނެ." ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

މި މައްސަލާގައި ދެފަރާތުގެ ހުށައެޅުންތައް ހުށައަޅާ ނިމިފައިވާތީ މައްސަލަ ބައްލަވާ ޤާޟީ ޙުސައިން ފާއިޒް ރަޝާދު ވިދާޅުވީ، ދެން އޮންނާނީ ހުށައެޅުމާމެދު ގޮތެއް ނިންމެވުން ކަމަށެވެ. އަދި ޝަރީޢަތުން އިތުރުކަމެއް ސާފުކުރަން ބޭނުންނަމަ އިތުރު އަޑުއެހުމެއް އޭގެ ކުރިން ބޭއްވޭނެކަމަށް ވެސް ވިދާޅުވި އެވެ.

ދައުލަތުން ޖިހާދާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ނޮވެންބަރު 22 ވަނަ ދުވަހު ނިންމި ނަމަވެސް މިކަމުގައި ޖިހާދު އަމަލުކުރައްވާފައިވަނީ އެ މަޖިލީހުގެ ނިންމުމާއި ޚިލާފަށް ކަމަށެވެ.

މިގޮތުން ދައުލަތުގެ %25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑް ކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ޢަބްދުﷲ ޖިހާދުގެ އެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށް ވެސް ދައުލަތުގެ ދައުވާގައިވެއެވެ.

ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޢަބްދުﷲ ޖިހާދުގެ މައްޗަށް މި މައްސަލަ ސާބިތުވެއްޖެނަމަ 5 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް