އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތައް ދުއްވަން ދިވެހި ސިފައިން ނުފަށަނީ އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން ނުނިމޭތީ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިންޑިއާއިން ހެލިކޮޕްަރު ހަދިޔާ ކުރުމަށް ފަހު މިހާތަނަށްވެސް އެ ދުއްވަމުން ދަނީ އިންޑިއާ ސިފައިންނެވެ. އެކަމަށް ހާއްސަކޮށް އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގައި ތިބުން އިދިކޮޅާއި ބައެއް އާންމުން ބަލައެއް ނުގަނެ އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރު އިއްޔެ މީޑިއާގައި ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހި ސިފައިންގެ ޕައިލެޓުން ތަމްރީނުކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ތިން ޕައިލެޓަކު ތަމްރީނުތައް ނިންމައިގެން އެނބުރި އައިސްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު ވިދާޅުވީ އިންޑިއާއިން އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީން ކޮށް ނިމިފައިވާ ކަމަށެވެ. އަދި އެމީހުން ވަރަށް އަވަހަށް ދުއްވަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ލަސްވާ ސަބަބާއި ގުޅޭގޮތުން އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އިދާރީ ކަންކަމާއި މަސްއޫލިއްޔަތު ހަވާލު ކުރެވުނުހާ އަވަހަށް ތތަމްރީން ލިބިފައިވާ ދިވެހި ސިފައިންގެ ޕައިލެޓުން މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވާނެ ކަމަށެވެ.
ދިވެހި ސިފައިން އެތަކެތި ނުދުއްވާ މައްސަލައިގަ އިދިކޮޅު ފަރާތްތަކުން ވަނީ އެއީ އިންޑިއާއިން ރާއްޖެއަށް އަތް ގަދަ ކުރުމަށް ސަރުކާރާއި ގުޅިގެން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް