ރައީސް ނަޝީދަށް ހަމަލާދޭން ބޮން ގޮއްވާލިކަމަށް އަދުހަމް އެއްބަސް ވެއްޖެ

ރައީސް ނަޝީދަށް ހަމަލާދޭން ބޮން ގޮއްވާލިކަމަށް އަދުހަމް އަހްމަދު ރަޝީދު އެއްބަސް ވެއްޖެ އެވެ. މި އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އަދުހަމްގ...

21 Sep 2021 | 09:56

ރައީސް ނަޝީދަށް ހަމަލާދޭން ބޮން ގޮއްވާލިކަމަށް އަދުހަމް އަހްމަދު ރަޝީދު އެއްބަސް ވެއްޖެ އެވެ.

މި އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކްރިމިނަލް ކޯޓުގައި އޭނާ އިއުތިރާފު ވެފައިވަނީ، ދައުލަތާއެކު އޭނާ ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ނެވެ.

ދައުލަތާއެކު އޭނާ ވެފައިވާ އެއްބަސްވުމުގެ ދަށުން ކުށަށް އިޢުތިރާފުވެ، ތަހުގީގަށް އެއްބާރުލުން ދޭ ނަމަ، އޭނާގެ މައްޗަށް އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ. އެހެންވެ، އޭނާގެ މައްޗަށް މިހާރުއަންނާނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް އެއްބަސްވެ 20 އަހަރުގެ ޖަލު ހުކުމަކާއި، އެފަދަ ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށަށް ވެސް އިއުތިރާފް ވެ 3 އަހަރުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތް ވަކި ހިސާބަކުން ސިއްރުކޮށްފައިވަނީ އަދުހަމާއި ދައުލަތުގެ ވެސް އެދުމުގެ މަތިން ނެވެ. އަދި ޝަރީއަތް ސިއްރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ބައެއް މައުލޫމާތު ހާމަވާނެތީ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ނިމި މި މަހުގެ ފުރަތަމަ 15 ދުވަސް ނިމުމުގެ ކުރިން ހުކުމް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ހަމަލާދީފައިވަނީ ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލައިގެން ނެވެ. މި ހަމަލާގެ ސަބަބުން ރައީސް ނަޝީދަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނު ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭ ހޮސްޕިޓަލުން ނެވެ.

އެއަށްފަހު، އިނގިރޭސި ވިލާތުންނާއި ޖަރުމަނުން ވެސް އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް