ހެއްކާ ބެހޭ ބިލަކީ ޑިމޮކްރެޓިކް ވެރިކަމެއް ކުރުމަށް ވަރަށް މުހިންމު ބިލެއް ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދ ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާއިބެހޭ ބިލަށް ބަހުސް ކުރައްވަމުން ނެވެ.
ސައްލެ ވިދާޅުވީ ހެޔޮ ވެރިކަން ކުރަން ބޭނުންވާ ފަރާތަކަށް، ޑިމޮކްރެޓިކް މަގުން ރާއްޖޭގެ ވެރިކަން ހިންގަން ބޭނުންވާ ފަރާތަކަށް މިކަން ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
" މިހާތަނަށް މިކަން ނުކޮށް އޮތް ސަބަބަކީ ހުދުމުޚްތާރު ވެރިކަން ރާއްޖޭގައި ޑިމޮކްރެޓިކް ނަމުގައި ހިންގަމުން ގެންދިއުން. ސިޔާސީ އެކިއެކި މަންފާތަކަށް، ދައުލަތުގެ ތަހުގީގީ އިދާރާތައް ބޭނުންކޮށްގެން ހެކި އުފައްދާ ކޯޓަށް ހުށަހަޅާ، ކޯޓުން އެކަންތަކުގެ މައްޗަށް ބަލައި ހުކުމްކުރުމުގެ ސަގާފަތް މި ބިލުގެ ސަބަބުން ނިމޭނެ." ސައްލެ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން އެ ސަގާފަތް މިހާރު ވެސް ނައްތާލައިފި ކަމަށާއި މިހާރު މި ކުރާ ކަމަކީ މި ސަގާފަތް އަނބުރާ އިއާދަވިޔަ ނުދިނުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުން ކަމަށެވެ.
ހެއްކާ ބެހޭ އައު ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އެވެ.
އެ ބިލުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވާ ހާލަތުގައި ހެކި ހުށަހެޅުމެއް ނެތި އެކަން ސާބިތު ވާނެ ކަމާއި، އެގޮތަށް ސާބިތު ވާނެ ކަންތައްތަކަކީ ކޮބައިކަން ތަފްސީލު ކޮށްފައި ވެއެވެ. އަދި ހެކީގެ ދަރަޖަތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން ހެކިބަސް ދިނުމުގެ ގާބިލުކަން ހުރި މީހުންނަކީ ކޮބައިކަމާއި ހެކިބަސް ދޭ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް