ބީއެމްއެލް އިސްލާމިކްް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސް މެދުވެރިކޮށް ފައިސާ ދޫކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަކީ ސޯޝަލް ހައުސިންގ ގެ ދަށުން ލިބިފައިވާ ފްލެޓް ނިންމުމާއި، މަރާމާތުކުރުމުގެ އިތުރުން އެތަނަށް ބޭނުން ތަކެތި ގަތުމަށް ސޯޝަލް ހައުސިންގ ލިބިފައިވާ ފަރާތްތަަކަށް ޚާއްސަކޮށް ބީއެމްއެލް އިސްލާމިކް އިން ރަހުނަކާ ނުލާ ދޫކުރާ ފެސިލިޓީއެކެވެ.
ސޯޝަލް ހައުސިންގ ގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަނަށް ވެސް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ އެވެ.
ބީއެމްއެލް އިސްލާމިކް ބޭންކިންގ ޑިވިޝަންގެ އިންޓެރިމް އިންޗާރޖް ހަސަން ކަލާމް ވިދާޅުވީ އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން އަމިއްލައަށް އެއްވެސް ޚަރަދެއް ކުރަން ނުޖެހި މުދަލާއި ނަގުދު ފައިސާ ވެސް ލިބޭނެ ކަމަށެވެ.
" ހަމައެއާއެކު ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތުވެސް ކަސްޓަމަރުންނަށް މިވަނީ ހުޅުވާލެވިފަ." އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ ގެ ދަށުން ފައިސާ ދޫކުރަނީ ޕްރޮޖެކްޓަކަށް 150،000 ރުފިޔާއާ ހަމައަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި އަވަހަށް ފައިސާ ދައްކާ ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ލިބޭނެ އެވެ.
މި ފެސިލިޓީއަށް ދާދިފަހުން ގެނެވުނު ބަދަލާއެކު، އާއިލާގެ މެމްބަރުންގެ ގޮތުގައި ފެސިލިޓީގައި ބައިވެރި ކުރެވޭނީ މަންމަ، ބައްޕަ އަދި ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތަކުގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި ދަރިން ނެވެ. އަދި މާމަ ނުވަތަ ކާފަ އަދި މާމަ ނުވަތަ ކާފަ ދަރިންނަށެވެ.
މި ފެސިލިޓީއަށް އެދި، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މާލެއިންނަމަ ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށެވެ. އަދި މާލެއިން ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއް ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ފޯމު ހުށަހެޅޭނެއެވެ.
މީގެ އިތުރުން ކޯޓޭޝަންގެ ކުލަ ކޮޕީއެއް (ޕީޑީއެފް ފޯމެޓް ގައި) [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް