ރައީސް ޞާލިހަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކޮށްދެއްވުމަށް ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރޭ ކުރެއްވި ތުހުމަތުތައް ތަހުގީގުކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަ...

21 Sep 2021 | 06:59

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރޭ ކުރެއްވި ތުހުމަތުތައް ތަހުގީގުކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމާ އެމް.އެމް.ޕީ.އާރު.ސީގެ ފައިސާއާ ގުޅޭގޮތުން މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރައީސް ޞާލިޙްގެ މައްޗަށް ކުރެއްވި ތުހުމަތުތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ވަގުތުން ތަޙުގީގު ކުރައްވާ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ގޮވާލާ ކަމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ގެންދެވިކަމަށާއި، އެކަން ސާބިތުވާނެ ސީސީޓީވީ ފުޓެޖު ހުންނާނެ ކަމަށް ވިދާޅުވުން ފާހަގަކޮށްލެވެއެވެ.

މި ތުހުމަތުތަކާއި ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުށްލި މައްސަލައެއް ވެސް ހުށައެޅިއެވެ. ނަމަވެސް އެ މައްސަލަ ބަލައިގަނެފައި ނުވެއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހަށް ކުރި ތުހުމަތުތައް ފާހަގަކޮށްފައެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ސޯލިހް ގެންދެވިކަމަށާއި، އެކަން ސާބިތުވާނެ ސީސީޓީވީ ފުޓެޖު ހުންނާނެކަމަށް އަލީ ވަހީދު ބުނެފައިވާކަން ފާހަގަކޮށްފައެވެ.

ކުއްލި މައްސަލައިގައި ހުށަހަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވަމުންގެންދަވާ ބޭފުޅަކާމެދު މިފަދަ ބޮޑު ތުހުމަތެއް ކުރެވެމުންދާތީވެ، މިނިވަން، އިންޞާފުވެރި ތަޙުޤީޤަކަށް މަގުފަހިކުރުމަށްޓަކައި ތަޙުޤީޤު ނިމެންދެން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެކަހެރިވެވަޑައިގަތުމަށާއި އެމްއެމްޕީއާރްސީގެ ފައިސާ ރައީސް ސޯލިހް ނެންގެވި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، މި މައްސަލަ ދިވެހި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން، އިންޞާފުވެރި، "ހަ ފުށް ފެންނަ ގޮތަކަށް" ތަޙްޤީޤު ކުރެއްވުމަށް ގޮވާލާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް