އޮރިޔާން ފިލްމު އުފައްދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ދޫކޮށްލައިފި އެވެ.
ރާޖް ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުން 50،000 އިންޑިއަން ރުޕީސް ކޯޓަށް ދެއްކުމުންނެވެ. ކޯޓުން މިގޮތަށް ނިންމީ ރާޖްގެ މައްސަލައިިގަ އިއްޔެ ބޭއްވި މުއްދަތު އަޑުއެހުމަކަށް ފަހު އެވެ.
އިއްޔެގެ އަޑު އެހުމުގައި ރާޖް އާއި އެ މައްސަލައިގަ ހައްޔަރު ކުރި އޭނާގެ އެކުވެރިޔާ ރަޔަންގެ ދިފާއުގައި ގާނޫނީ ވަކީލުން ބުނެފައިވަނީ އޮރިޔާން ވީޑިއޯތައް ހުރި އޮންލައިން އެޕްލިކޭޝަން އަކީ ދެމީހުން ހިއްސާވާ އެއްޗެއް ކަމަށެވެ. އެކަމަކު އެ އެޕްލިކޭޝަނަށް ވީޑިއޯ އަޕްލޯޑު ކުރުމަކީ އެ ދެމީހުންގެ ބެލުމުގެ ދަށުން ހިނގާ ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން ރާޖް އާއި ރަޔަން އަކީ އޮރިޔާން ފިލްމު އުފައްދާ މީހުންނަށް ހަދައި އެ މީހުންނާއި ދެކޮޅަށް ދައުވާ ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި ފުލުހުން ހޯދާފައިވާ 140 ސޮފްހާގެ ހެކީގެ ތެރޭގައި އެ ވީޑިއޯތަކަކީ އެ ދެމީހުން އަޕްލޯޑު ކުރާ ވީޑިއޯތަކެއް ކަމުގެ އެއްވެސް ހެތްކެތް ނެތް ކަމަށް ބުނެފައިވެ އެވެ.
ރާޖް އޮރިޔާން ފިލްމު އުފައްދާކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މިދިޔަ ޖުލައި 19 ވަނަ ދުވަހު އެވެ. ރާޖް އާއި އެކު ޝިލްޕާގެ ކެރިއަރަށްވެސް ވަރަށް ބޮޑަށް އެ މައްސަލައިގަ އަސަރު ކުރި އެވެ.
އެގޮތުން އޭރު ރިލީޒް ކުރަން ތައްޔާރުވެފައި އޮތް ޝިލްޕާގެ "ހަންގާމާ 2" ފްލޮޕްވެފައިވާއިރު އޭނާ ވަނީ ދާއިރާއިން ބްރޭކެއް ނަގަން މަޖުބޫރުވެފަ އެވެ. އެކަމަކު އަލުން މަސައްކަތް ފެށުމަށާއި ރާޖް އާއި ދުރުވުމަށް ޝިލްޕާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް