އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ހަމަވި އިރު، ގިނަ ފަރާތްތަކަކުން ހުށަނާޅާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
މީރާ އިން ބުނީ ޓެކްސް ދެއްކުމުގެ އެންމެ މުހިންމު އެއް ސުންގަޑިކަމުގައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 2020 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ވަނީ 31 އޮގަސްޓު 2021 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
ނަމަވެސް، މި ބަޔާން ހުށަހަޅަންޖެހޭ ގިނަ ފަރާތްތަކަކުން މި ބަޔާން ހުށަހަޅައިފައި ނުވާކަން ފާހަގަކޮށް މީރާ އިން ބުނީ ފަރުދުންގެ ތެރެއިން ބަޔާން ހުށަހަޅައިފައިނުވާ ފަރާތްތަކުގެ ތެރޭގައި އެއްފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ ފަރާތްތަކާއި ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގިނަ ފަރާތްތައް ހިމެނޭ ކަމަށެވެ.
މިގޮތުން ފަރުދަކަށް އެއްބާވަތަށް ވުރެ ގިނަ ބާވަތުގެ އާމްދަނީ ލިބިފައިވާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ލިބިފައިވާ ހުރިހައި އާމްދަނީއެއް ހިމެނޭ ގޮތުން ނެވެ. މީގެ ތެރޭގައި ފަރުދަކަށް ލިބިފައިވާ އުޖޫރަ، ވިޔަފާރި އާމްދަނީ، ކޮންސަލްޓެންސީ ނުވަތަ ޓެކްނިކަލް ސަރވިސް ފީ، ކޮމިޝަން، ކުލި، ހަދިޔާގެ ގޮތުގައި ލިބޭ އާމްދަނީ ނުވަތަ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ ފައިދާ ހިމެނެ އެވެ.
އެހެންނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންކަމަށްވާތީ، 2020 ވަނަ އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނާނީ 1 އެޕްރީލް 2020 އިން ފެށިގެން ލިބިފައިވާ އުޖޫރައިގެ ޖުމުލައެވެ. މިގޮތަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ އިސްތިސްނާ އާމްދަނީ ނުހިމަނަ އެވެ.
ފަރުދުންގެ ތެރެއިން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނީ 2020 ވަނަ އަހަރު އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000 ރުފިޔާއަށް ވުރެ އިތުރުވާނަމަ އެވެ.
އެހެން ނަމަވެސް، އެ ފަރާތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އަކީ ހަމައެކަނި އުޖޫރަ ދޭ އެންމެ ފަރާތަކުން ލިބިފައިވާ އާމްދަނީ ކަމުގައިވާނަމަ ބަޔާން ހުށަހަޅާކަށް ލާޒިމެއް ނޫނެވެ.
ޑީމްޑް ޕާޓްނަރޝިޕްތަކުން 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބާޔާން ހުށަހަޅަންޖެހޭނީ 2020 ވަނަ އަހަރު ލިބިފައިވާ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ނުވަތަ ލިބިފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000 ރުފިޔާއަށް ވުރެ އިތުރުވާނަމަ އެވެ.
އެހެންނަމަވެސް، ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީސްތަކުން ލިބިފައިވާ އާމްދަނީއަށް ބެލުމެއްނެތި 2020 އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެ އެވެ. 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ މީރާގެ ވެބްސައިޓްއިން ބަލައިލެވޭނެ އެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ފާއިތުވެފައިވި ނަމަވެސް، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް ބަޔާން ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ބަޔާން ފުރިހަމަކުރުމުގައި އެހިތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ އެހީތެރިކަން ހޯދުމަށް ވެސް އެ އޮތޯރިޓީން އެދިފައި ވެއެވެ.
މީރާއިން އަބަދުވެސް ދަނީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދީ، ޓެކްސް އަދި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.
މީގެ ތެރޭގައި ޓެކުހުގެ ޖޫރިމަނާ މާފުކޮށްދިނުމާއި، ޓެކްސް ދައްކަންޖެހޭ މިންވަރު އިންސްޓޯލްމެންޓަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް