ދުވަހުގެ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކެއުމަކީ ހެނދުނުގެ ނާސްތާ

ހެނދުނުގެ ނާސްތާއަކީ ދުވަސް ފެށުމަށް ޓަކައި ވަރަށް މުހިިންމު އެއްޗެކެވެ. ހަމަ އެއާއި އެކު ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ޓަކައި ވެސް ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ. އެހެން ކަމުން ދުވަހުގެ އެންމެ ...

21 Sep 2021 | 04:08

ހެނދުނުގެ ނާސްތާއަކީ ދުވަސް ފެށުމަށް ޓަކައި ވަރަށް މުހިިންމު އެއްޗެކެވެ. ހަމަ އެއާއި އެކު ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ޓަކައި ވެސް ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ. އެހެން ކަމުން ދުވަހުގެ އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކެއުމަކީ ހެނދުނުގެ ނާސްތާ އެވެ.

ސަބަބަކީ ހެނދުނުގެ ނާސްތާއަކީ ދުވަހުގެ ފެށުން ކަމުގައިވެފައި، މުޅި ދުވަހު ދެން ކުރަން ހުންނަ ހުރިހާ ކަމެއްވެސް ކުރަން އެންމެ ބޮޑަށް ހަކަތަ ލިބެނީ ހެނދުނުގެ ނާސްތާއިން ކަމަށްވާތީ އެވެ.

އެގޮތުން ހަށިގަނޑަށް ފައިދާ ހުރި ކާނާއެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެ ހަރަކާތްތައް ރަނގަޅަށް ފެށުމަށް ލިބޭ ވަރަށް މުހިންމު ބާރެކެވެ. ނަމަވެސް އަޅުގަނޑުމެންގެ މި މުޖްތަމައުގެ ވަރަށް ގިނަ މީހުން ހެނދުނުގެ ނާސްތާއަށް ސަމާލުކަމެއް ނުދީ ދޫކޮށްލަ އެވެ. ބޮޑެތި މީހުންނާއި ސްކޫލް ކުދިން ވެސް ހެނދުނުގެ ނާސްތާ ދޫކޮށްލުމަށް ވަނީ އާދަވެފަ އެވެ.

ގިނަ ދިރާސާތަކުން ދައްކައިފައިވާ ގޮތުން ހެނދުނުގެ ނާސްތާ އެންމެ އެކަށީގެންވާ ގޮތަށް ކެއުގެ ސަބަބުން ހަނދާން ހުންނަ މިންވަރު ގަދަ ކޮށްދިނުމާއި ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ފަސޭހަވެގެން ދިޔުމުގެ އިތުރުން ހަށިގަނޑަށް 'ގެއްލުންހުރި' ކޮލެސްޓްރޯލް، ހަކުރުބަލި ޖެހުމުގެ ފުރުސަތުތައް، ހިތުގެ ބަލިތައް ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

ހެނދުނުގެ ނާސްތާ ނުކައިފި ނަމަ ހަށިގަނޑުގެ ކެއުމާއި ނުކައި ހުރުމުގެ ސިލްސިލާއަށް ބޮޑު ހުރަހެއް އެޅެއެވެ. އެހެނީ، ހެނދުނު ހޭލާ ގަޑިއަކީ ސިކުނޑިއާއި މަސްގަނޑުތައް ހިންގާ 'ތެޔޮ' ކަމަށްވާ ލޭގެ ހަކުރުތައް އެންމެ މަދުވާ ގަޑިއެވެ. އެ ހަކަތަ އަލުން އިއާދަކުރެވެނީ ހޭލާތަން އެއްގަޑީރު ވުމުގެ ކުރިން ހެނދުނުގެ ނާސްތާއަށް އެންމެ އެކަށީގެންވާ އެއްޗެއް ކައިގެންނެވެ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހެނދުނު ހޭލައިގެން ވަރަށް ބުރަކޮށް ވަރަށް އަވަދި ނެތިވެ އުޅެމުން ދެއެވެ. އެގޮތުން މިގޮތަށް އުޅޭ އުޅޭ ގިނަ މީހުން ބަނޑަށް އެއްޗެއް ނުލައި ގެއިން ނިކުމެގެން ދާތަން ފެނެއެވެ. އެއީ ވަރަށް ނުރައްކާތެރިކަމެކެވެ. މެންދުރުގެ ކެއުމުގެ މާ ކުރިން ހަށިގަނޑަށް ކެއުން ބޭނުންވެއެވެ. ހެނދުނުގެ ފުރަތަމަ ކަމަކަށް ކެއުން ނުހަދައިފި ނަމަ ގޭސް އެރުން ފަދަ އުނދަގޫތަކާއި ކުރިމަތިވެއެވެ. އަނެއް ކޮޅުން ހެނދުނު ސައި ނުބޮއެ އޮފީހަށް އަންނަ ގިނަ މީހުންގެ ފަރާތުން ފެނިގެންދާނީ މަސައްކަތަށް ފޫހިވުމާއި ބޭކާރުކަންކަމުގައި އަވަހަށް ރުޅި އައުމުގެ އިތުރުން ހާސްކަމެވެ.

ހެނދުނުގެ ނާސްތާ ކުރާ ވަގުތަކީ ހަށިގަނޑު ވަކި ކަހަލަގެ ކާނާއަކަށް ބޭނުންވާ ވަގުތެކެވެ. މިގޮތުން ހަކަތަ ލިއްބައިދޭ ފައިދާހުރި މާއްދާތައް އެކުލެވޭ ކާނާ ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހެނދުނުގެ ކެއުމަށް އެންމެ ރަނގަޅު ތަކެތީގެ ތެރޭގައި ބިސް، ޕާން، ސީރިއަލް ނުވަތަ ކޮރން ފްލޭކްސް، އޯޓް މީލް، ޕީނަޓް ބަޓަރ، މޭވާ، ޔޯގަޓް ފަދަ ތަކެތި ހިމެނެއެވެ. މިއީ އެތަކެތީގައި ގިނަ އަދަދަކަށް ޕްރޮޓީން، ފައިބަރ ފަދަ މުހިންމު މާއްދާތައް އެކުލެވޭ ކަމަށް މަޝްހޫރު ތަކެއްޗެވެ. މިތަނުން ގިނަ ބާވަތްތަކަކީ ހަކުރުބައްޔާއި ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެހިކަން ފާހަގަކުރެވެއެވެ. ބުއިމުގެ ގޮތުން ހަކުރު ނާޅާ ތާޒާ މޭވޭގެ ޖޫސް، ސްމޫތީ، ރޯކިރު، ކޮފީ ފަދަ ތަކެތި ބޭނުންކުރުންވެސް ބުއްދިވެރިއެވެ.

އެހެންކަމުން ހެނދުނު ނާސްތާގެ ގޮތުގައި ކާހިތްވާ ކަހަލަ ކޮންމެ އެއްޗެއް ވެސް ބޭނުންކުރުން މުހިންމެވެ. އާއްމުކޮށް ކާނާގެ ބައިތަކުގެ ތެރެއިން ހުރިހާ ބައިތަކެއް އެކުލެވޭ ކާނާއެއް އިޚުތިޔާރުކުރުމަކީ ރަނގަޅު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް