ކުރީގެ މޮޑެލްތަކަށްވުރެ އައިފޯނު 8 އަދި އައިފޯނު 8 ޕްލަސްގެ ޕްރީ އޯޑަރ ކުރާ މިންވަރު އިންތިހާއަށް ދަށްވެފައިވާކަމަށް ރޮޒެންބްލަޓް ސެކިއުރިޓީ އެނަލިސްޓް ޖުން ޒަންގް ބުނެފި އެވެ.
ޒަންގް މިހެން ބުނެފައިވާއިރު އެޕަލްގެ ޝެއަރގެ އަގުވެސް ވަނީ ވެއްޓިފަ އެވެ.
ޒަންގް ބުނެފައިވަނީ އައިފޯނު 7 އަދި 6 އަށްވުރެ 8 ގެ ޑިމާންޑް ދަށް ކަމަށެވެ. އަދި ޗައިނާގައި އެކަން ވަކިން ބޮޑަށް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ޗައިނާގެ ރީޓެއިލް ވެބްސައިޓެއް ކަމުގައިވާ ޖޭޑީ ޑޮޓް ކޮމް މެދުވެރިކޮށް ފުރަތަމަ ތިން ދުވަހު އައިފޯނު 8 އަށް ޕްރީ އޯޑަރ ކޮށްފައިވާ އަދަދަކީ 1.5 މިލިޔަން ކަމަށާއި އައިފޯނު 7 އަށް ފުރަތަމަ ތިން ދުވަހު 3.5 މިލިޔަން ފޯނަށް ޕްރީ އޯޑަރު ކޮށްފައިވާކަން އޭނާ ފާހަގަ ކޮށްފައި ވެ އެވެ.
ޒަންގް މިހެން ބުނެފައިވާއިރު އޯގަސްޓް 10 އިން ފެށިގެން އެޕަލް ޝެއަރ ވަނީ 3.1 އިންސައްތަ ވެއްޓިފަ އެވެ. އަދި އިއްޔެއާއި ހަމައަށް 1.9 އިންސައްތަ އިތުރަށް ވަނީ ވެއްޓިފަ އެވެ.
އެޕަލްއިން އައިފޯނު 8 ދައްކާލާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެޕަލްއިން ވަނީ އައިފޯނު 8 އަދި އައިފޯނު 8 ޕްލަސްގެ އިތުރުން އެޕަލްއިން ވަނީ އައިފޯނު އެކްސް ވެސް ދައްކާލާފަ އެވެ. އައިފޯނު އެކްސް ވެގެންގޮސްފައިވަނީ އެޕަލް ފޯނުތަކަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރިކަން ގެނެސްދިން ފޯނަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް