ސްމާޓްފޯނު ދުނިޔޭގައި ކުރިއަރައިދާން ގޫގަލް އިން ލައްކަ މަސައްކަތް ކޮށްފި އެވެ. އެގޮތުން 2012 ވަނަ އަހަރު މޮޓޮރޯލާ ކުންފުނި ގަނެލި އެވެ. އަދި ނެކްސަސް ސްމާޓް ފޯނު ބާޒާރަށް ނެރުނެވެ. އެއީ މާޒީ އެވެ. ގޫގަލް އިން އެންމެ ފަހުން ނެރެފައިވަނީ ޕިކްސެލް އަދި ޕިކްސެލް އެކްސްއެލް ސްމާޓް ފޯނެވެ.
ގޫގަލް އިން ޕިކްސެލް 2 އަދި ޕިކްސެލް އެކްސްއެލް 2 ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނައިރު އަނެއްކާވެސް މިވަނީ ވަރުގަދަ ކަމެއް ކޮށްފަ އެވެ. އެއީ ސްމާޓްފޯނު އުފައްދާ ކުންފުންޏެއް ކަމުގައި އެޗްޓީސީގެ ސްމާޓްފޯނު ޓީމު ގަނެލުމެވެ. އެކަމަށް 1.1 ބިލިޔަން ޑޮލަރު ގޫގަލް އިން ހަރަދު ކުރާނެ އެވެ.
ގޫގަލްގެ ހާރޑްވެއަރ ޑިޕާޓްމެންޓްގެ ވެރިޔާ އޭނާގެ ބްލޮގްގައި ލިޔެފައިވަނީ ޕިކްސެލް ސްމާޓް ފޯނު އުފެއްދުމުގައި ދެ ޓީމު ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެ ޓީމު ގުޅިގެން ނެރެވޭ އުފެއްދުން ފުރިހަމަ ވާނެކަމާއިމެދު އުންމީދު ކުރާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ގޫގަލްއިން ތައްޔާރުވަމުން އަންނަނީ އެޗްޓީސީގެ 2000 މުވައްޒަފުން ގަތުމަށެވެ. އެޗްޓީސީންވެސް މި ގޮތަށް އެއްބަސްވެ އެވެ.
މީގެ ހަ އަހަރު ކުރިން ގޫގަލް އިން މޮޓޮރޯލާ ކުންފުނި ގަތީ 12.5 ބިލިޔަން ޑޮލަރަށެވެ.އެއަށްފަހު މޯބައިލް މާކެޓް ވަރުގަދަ ކުރުމަށް ގޫގަލް އިން މިއީ ކުރުމަށް ތައްޔާރުވަމުން އަންނަ، ދެވަނައަށް އެންމެ ބޮޑު އިންވެސްޓްމެންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް