ރިލްވާންގެ މައްސަލައިގާ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުން ދޫކޮށްފައިތިބޭތީ ކަންބޮޑުވޭ: ރިލްވާންގެ އާއިލާ

ރިލްވާންގެ މައްސަލައިގާ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެމީހުން ދޫކޮށްފައިތިބޭތީ ރިލްވާންގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ރިލްވާންގެ އާއިލާއިން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރިލްވާން ގ...

21 Sep 2017 | 06:45

ރިލްވާންގެ މައްސަލައިގާ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެމީހުން ދޫކޮށްފައިތިބޭތީ ރިލްވާންގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރިލްވާންގެ އާއިލާއިން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ތިންމީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ނިންމުމާއި އެކު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމާއި ގުޅިގެން ރިލްވާންގެ ޢާއިލާގެ ބައެއް ކަންބޮޑުވުންތައް ހާމަކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.

އާއިލާގެ ފަރާތުން ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ގ. ހިލްޓަން އާލިފް ރައޫފާއި، ސ. ހުޅުދޫ އަތިރިއާގެ މުހައްމަދު ސުއައިދު އާއި އަދި ގދ. ތިނަދޫ ކަރަންކާގެ މުހައްމަދު ނޫރައްދީންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލިފައިވާއިރު، މިތިންމީހުންގެ ތެރެއިން ގ.ހިލްޓަން އާލިފް ރައޫފާއި ގދ. ތިނަދޫ ކަރަންކާގެ މުހައްމަދު ނޫރައްދީންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރެވޭއިރު، ޓެރަރިޒަމްގެ ދަޢުވާ ކޮށްފައިވާ މިދެމީހުން މިނިވަންކަމާއެކު މުޖްތަމައަށް ދޫކޮށްފައި ބެއިތިއްބުމަކީ އަޅުގަނޑުމެން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.  ޓެރަރިޒަމް ގެ ދައުވާތަކަކީ، ނުހަނު ނުރައްކާތެރި، ބޮޑެތިކުށް  ކަމުގައި ވީހިނދު އެހެން ޓެރަރިޒަމްގެ ދަޢުވާތަކެކޭ އެއްގޮތަށް މިދެމީހުންނާމެދު ޢަމަލު ނުކުރެވޭތީ ކޯޓުތަކާއި، ޝަރުޢީ ދާއިރާ އަދި ޚާއްސަކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ފުލުހުންގެ ޒިންމާއާއި މިނިވަންކަމާއި މެދު، ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.  މިފަދަ އެހެންވެސް މައްސަލަތަކުގައި ޢާއްމުގޮތެއްގައި ކަންކުރާ އުސޫލާ ޚިލާފު ގޮތަކަށް މިމައްސަލައިގައި ދަޢުވާ ކުރެވޭ މީހުންނާމެދު ކަންކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެހެންކަމުން ޖިނާއީ ޢަދްލު ހިންގުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލް އަދި ކޯޓުތަކުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ހަމަ އެފަދައިން ސ. ހުޅުދޫ އަތިރިއާގެ މުހައްމަދު ސުއައިދު ހޯދުމަށް ކްރިމިނަލް ކޯޓުން މަސަތްކަތްކޮށް ޗިޓު ހަވާލު ނުކުރެވި އަދި އޭނާގެ އާއިލާއިން އޭނާ މަރުވެފައިވާ ކަމަށްބުނުމާއި، ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން ފުލުހުންގެ އިދާރާއަށް މިކަން އެންގުމުން މިހާރު އުޅޭތަނެއް ނޭންގޭ ކަމަށް ބުނެފައިވުމާއި މިހާރު ދައުވާކުރެވޭ ދެމީހުން މުޖުތަމައުއަށް ދޫވެފައި ތިބުމުން އެމީހުން ފިލައިގެން ދިއުމުގެފުރުސަތު އޮތުމާއި އަދި މިމައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުކުރެވިދާނެ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.

"ރިލްވާން ގެއްލުވާލި މައްސަލާގައި ހަމައެކަނި މިތިންމީހުންގެ މައްޗަށް ދަޢުވާކުރާއިރު، ރިލްވާން ގެއްލުވާލުމުގެ ފަހަތުގައިވަނީ ކޮންބައެއްކަން އަދި ރިލްވާން ވަގަށްނެގުމަށްފަހު އޭނާއާމެދު ކަންތައް ކޮށްފައިވާގޮތް މިއަދާހަމައަށްވެސް ހޯދިފައި ނުވާކަމަށް ބުނުމާއި، އަދި  އެންމެ ތިން މީހުން ވެގެން މިވަރުގެ ބޮޑުޖަރީމާއެއް އިތުރު ބައެއްގެ ބައިވެރިވުމާއި ނުލައި، ހިންގިދާނެކަމަށް އާއިލާގެ ފަރާތުން ނުދެކޭވާހަކަވެސް ދަންނަވަމެވެ." އެ ނޫސްބަޔާނުގައި ވެ އެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ ރިލްވާންއަށް އިންސާފު ލިބިމުގައި މިދެންނެވި ކަންބޮޑުވުންތައް ހުރުމާއި މިކަންކަމަށް އެކަށީގެންވާ ގޮތެއްގައި ނުބެލިއްޖެނަމަ އިންސާފުވެރި ޝަރީއަތެއްކުރެވި ރިލްވާންއަށާއި އާއިލާއަށް އިންސާފު ނުލިބި ހިނގައިދާނެ ކަމަށްވެސް އާއިލާއިން ދެކޭ ކަމަށެވެ.

ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިލްވާންގެ ގާތް އެކުވެރިންނާއި ރައްޓެހިން އަދި ޖަމިއްޔާތަކާއި ނޫސްވެރިންނާއި ވަކީލުން ކެނޑިނޭޅި ރިލްވާންއަށް ވީގޮތް އޮޅުންފިލުވުމަށާއި، ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސަތްކަތަށް އާއިލާގެ ފަރާތުން ނިހާޔަތަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ރިލްވާންއަށް އިންސާފު ހޯދައިދިނުމުގައި ތިހުރިހާ ފަރާތެއްގެ އެއްބާރުލުމާއި އޯގާތެރިކަމަށް އާއިލާއިން އެދޭވާހަކަވެސް މިފުރުސަތުގައި ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް