ގއ އަތޮޅުގެ ތިން ރަށެއްގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްއިން ގއ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ އަތޮޅު ގެމަނަފުށި، ކޮލަމާފުށި އަދި ކޫއްޑޫގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް އިއް...

21 Sep 2017 | 05:21

ބޭންކް އޮފް މޯލްޑިވްސްއިން ގއ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ އަތޮޅު ގެމަނަފުށި، ކޮލަމާފުށި އަދި ކޫއްޑޫގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް އިއްޔެ ތައާރަފްކޮށްފިއެވެ.

މި އާ އޭޓީއެމްތަކުގެ ޚިދުމަތްތައް ފަށާފައި މިވަނީ ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށާ ބޭންކްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކަމުގައި ބޭންކުން ހާމަކުރެ އެވެ.

ބޭންކުން ހާމަކުރާޣޮތުގައި އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައިވިޔަސް މި އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު އެތިން ރަށުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ މި އިންވެސްޓްމަންޓްތަކާއެކު ގއ. އަތޮޅުގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި އިގްތިސާދަށް ފައިދާވާނެ މަގު ފަހިކޮށްދެވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ގެމަނަފުށި، ކޮލަމާފުށި އަދި ކޫއްޑޫގައި އަލަށް މިހުޅުވުނު ސެލްފްސާވިސް ބޭންކިންގ އޭޓީއެމްތަކުން ދައްކުވައިދެނީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ބޭންކުން ދޭ އަހަމިއްޔަތުކަން ކަމަށެވެ.

ބޭންކުން ހާމަކުރާގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް