ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ކުންފުނިތަކާއި ހަވާލުކޮށްގެން ހިންގާފައިވާ ގިނަ ކަންކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވާފަިއވާ ފެނަކަ ކޯޕަރޭޝަންގެ 2014 އަދި 2015 ގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެފްއެސްއެމްއިން އެ ކުންފުންޏަށް ޑީސަލް ވިއްކަން ހުށަހެޅި އަގަށްވުރެ ބޮޑުކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި ނަމަވެސް އެމީހުންނަށް އެ މަސައްކަތް ދީފައިވާތީ ދައުލަތަށް 21.86 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. ތ އަތޮޅުގެ އިންޖީނުގެތަކަށް 2014 އަދި 2015 ވަނަ އަހަރު ޑީސަލް ގަނެފައިވަނީ އެއް ކުންފުންޏަކުން ކޯޓޭޝަން ނަގައިގެން ކަމުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ނަގައިދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެއް ފަރާތްތަކެއްގެ ވިޔަފާރިތަކެއްގެ ގޮތުގައި ބެލެވޭ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައިގެން 2015 ވަނަ އަހަރު ޖުމްލަ 4.32 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާ ކަމަށެވެ. އެކަން ފާހަގަވެފައިވަނީ އެހުރީ ކުންފުންޏަކަށް ދޫކުރާ ޗެކާއި އެކަކު ހަވާލުވެފައި ހުންނާތީ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ފެނަކައަށް ހޯދާ މުދަލާއި ހިދުމަތުގެ އަގު ބެލުމާއި ކުންފުނިން ހިންގާ ބޮޑެތި މަޝްރޫއުތައް ހާމަކަންބޮޑު ދެފުއް ފެންނަ ބީލަމުގެ އިސޫލުތަކުގެ ބޭރުން ގެންގޮސްފައި ނުވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މުދަލާއި ހިދުމަތް ހޯދުމަށް ހަވާލު ކުރި ކުންފުނިތަކުން ހިދުމަތް ރަނގަޅަށް ދީފަ ނުވި ނަމަވެސް ޖޫރިމަނާ އަށް ކަނޑަން ޖެހޭ 2.45 މިލިއަން ރުފިޔާ އުނިކޮށްފައި ނުވާކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން 2014 އަދި 2015 ވަނަ އަހަރު އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95.56 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކޮމިޝަނުގެ ގޮތުގައި އިތުރު 5.08 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ޑޮލަރު ގަނެވިއްކުމުގެ ހުއްދަ އެމްއެމްއޭއިން ދީފައި ނުވާ ފަރާތްތަކުގެ އަތުން ޑޮލަރު ގަނެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެހުރިހާކަމެއް ފާހަގަކޮށް ކޮރަޕްޝަން ހިމެނޭ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީގައި ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް