ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ހިންގި ޚާއްސަ ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 110 ރަބަރު ޕެކެޓާއި އެކު ކުޑަ ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެއްގެ އިތުރުން 20 އަހަރުގެ މީހެކެވެ.
މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 2015 ސެޕްޓެމްބަރ 17 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ނޮޅިވަރަންފަރުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕްރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
"ހދ.ނޮޅިވަރަންފަރު ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ ބަލާ ފާސް ކުރި އިރު އެކުއްޖާ އާއި މީހާ ވަނީ އެގޭ ތެރެއިން ފެނިފައި، މީގެ ތެރެއިން ކުޑަ ކުއްޖާ އަތުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދަޅެއް ފެނިފައިވޭ، މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ވަނީ ފުލުހުން އެސަރަޙައްދަށް ދިއުމުން އޭނާގެ އަތުގައި ހުރި ރަބަރު ޕެކެޓްތައް ބިންމައްޗަށް ވައްޓާލާފައި" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން އިތުރަށް ބަލައި ފާސްކުރިއިރު އެގޭގެ ގޯތިތެރޭގައި ވަޅުލާފައި ހުރި ރަބަރު ޕެކެޓްތަކެއް ފެނިފައި ވާކަމަށެވެ.
"މި މައްސަލާގައި ހިމެނޭ ކުއްޖާ އާއި 20 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ޓެސްޓު ކުރި އިރު މަސްތުވާތަކެތީގެ ބާވަތަކަށް ވަނީ ޕޮޒިޓިވް ވެފައި، މީގެތެރެއިން ވަޅުލާފައިހުރި މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކެ ވަނީ ފެނިފައި، މީގެ ތެރެއިން ކުޑަ ކުއްޖާ އަކީ މާރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑް އޮންނަ ކުއްޖެއް އަދި 20 އަހަރުގެ މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް" ފުލުހުން ހާމަކޮށްފައި ވެ އެވެ.
ފުލުހުން ބުނީ މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުން ދީފައި ވާކަމަށެވެ. އަދި މި މައްސަލަ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް