ފުލުހުންގެ ޕަބްލިކް އޯޑަރ ޓްރޭނިންގ 34 ވަނަ ކޯސް ނިންމައި ދަސްވެނިންނަށް ސަނަދު ދީފި

ދިވެހި ފުލުހުންގެ އެކަޑަމީން ހިންގާ  ޕަބްލިކް އޯޑަރ ޓްރޭނިންގ 34 ވަނަ ކޯސް ނިންމައި ދަސްވެނިންނަށް ސަނަދު ދީފިއެވެ. ދ. ވާނީ ޕޮލިސް ޓްރޭނިންގ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮ...

21 Sep 2015 | 10:11

ދިވެހި ފުލުހުންގެ އެކަޑަމީން ހިންގާ  ޕަބްލިކް އޯޑަރ ޓްރޭނިންގ 34 ވަނަ ކޯސް ނިންމައި ދަސްވެނިންނަށް ސަނަދު ދީފިއެވެ.

ދ. ވާނީ ޕޮލިސް ޓްރޭނިންގ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދަސްވެނިންނަށް ސަނަދު ދެއްވީ އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓްޑީޒް ގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ނަވާޒް ވިދާޅުވީ ޢާއްމު ގޮތެއްގައި ޕަބްލިކް އޯޑަރ ޔުނިޓް ތަކަކީ ޚާއްޞަ ޙާލަތްތަކުގައި ޙަރަކާތްތެރިވާ ގޮތަށް ތަމްރީނު ކުރެވޭ ބައެއް ކަމަށެވެ. މިގޮތުން އެއްވުންތަކާ މުޒާހިރާތަކާ ޤާނޫނާ ޚިލާފު އެކިއެކި ޙަރަކާތްތައް ހުއްޓުވުމުގައި ޙަރަކާތްތެރި ވެވޭގޮތަށް ތަމްރީނު ކުރެވޭ ބައެއްކަމުން ޢަމަލީގޮތުން އެފަދަ ކަންކަމުގައި ފުލުހުންގެ ގޮތުގައި ޙަރަކާތްތެރިވާއިރު ސަމާލުކަންދޭންޖެހޭ މުހިއްމު ކަންކަން ކޯހުގެ ބައިވެރިންނަށް ޢަބްދުﷲ ނަވާޒްގެ ވާހަކަފުޅުގައި ހަނދާންކޮށްދެއްވިއެވެ.

ޢަބްދުﷲ ނަވާޒް ވިދާޅުވީ ޤާނޫނާ ޚިލާފު އެއްވުމެއް ނުވަތަ މުޒާހިރާއެއް ކޮންޓްރޯލްކޮށް ޤާނޫނު ނެގެހެއްޓުމަށް ޙަރަކާތްތެރިވާއިރުވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އިންސާނީ ކަރާމާތް ނުގެއްލޭނެ ގޮތަށް ރައްޔިތުންނާ މުޢާމަލާތްކޮށް ރައްޔިތުންނާމެދު ޢަމަލު ކުރަން ކަމަށާއި އެފަދަ އެއްވުމެއްގައި އަދި މުޒާހިރާއެއްގައި ތިބޭނީވެސް އަޅުގަނޑުމެންގެ އަޚުންނާ އުޚުތުންކަން އެންމެ ވަގުތަކުވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ހަމައެހެންމެ އެވަގުތު ފުލުހެއްގެ އެންމެ އިސް ވާޖިބަކީ ޤާނޫނުގެ އަމުރުވެރިކަން ދަމަހައްޓައި މުޅި ރައްޔިތުންގެ މަޞްލަހަތު ދެމެހެއްޓުކަން ހަނދާން ކުރަންޖެހޭނެކަމަށްވެސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވިއެވެ.

34 ވަނަ ޕަބްލިކް އޯޑަރ ޓްރޭނިންގ ކޯސް 28 ފުލުހަކު ވަނީ ފުރިހަމަ ކޮށްފައެވެ. 2015 އޮގަސްޓް 9 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހަށް ހިންގި މިކޯހުގެ ކިޔަވައިދިނުމާއި ޢަމަލީ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވަނީ ދ. ވާނީ އާއި ދ. އަތޮޅުގެ ބައެއް ރަށްރަށުގައެވެ.

މިކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދީފައި ވަނީ އެކިއެކި އެއްވުންތަކާ މުޒާހިރާ ތަކުގައި ޤާނޫނީ އިމުގެތެރެއިން ޕްރޮފެޝަނަލް ކަމާއެކު ޙަރަކާތްތެރިވާނެ ގޮތްތަކާ، ފުލުހުންނަށް ބޭނުންވާ މުހިއްމު ޤާނޫނުތަކާ ފުލުހުންގެ މަސައްކަތާގުޅޭ ޢަމަލީ ކަންކަމެވެ.

ކޯސް ނިންމުމަށް ވާނީ ގައި ބޭއްވި ރަަސްމިއްޔާތުގައި ދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އާއި ކުޑަހުވަދޫ އެއަރޕޯރޓް މަސައްކަތުގެ މެނޭޖަރާއި ކުޑަހުވަދޫ މަގުހެދުމުގައި ޙަރަކާތްތެރި ރޯޑް ޑިވެލޮޕްމެންޓުގެ މެނޭޖަރާއި ޝިޢަރާ ކޮންސްޓްރަކްޝަންގެ މެނޭޖަރާއި ދ. އަތޮޅު ހޮސްޕިޓަލްގެ ބައެއް ވެރިންގެ އިތުރުން ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަޞީރު އާއި ދ. އަތޮޅު ކޮމާންޑަރާއި ކޯހުގެ ބައިވެރިންނާ މުދައްރިބުން ބައިވެރި ވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް