ފާއިތުވި ހަފްތާއެއްހާ ދުވަހު އެކި ބަހަނާ ދެއްކުމަށްފަހު އިޒްރޭލު ފުލުހުން ޤުދުސްގައި ހުންނަ އަލް އަޤްސާ މިސްކިތަށް ވަދެފައިވާއިރު ސައުދީ ރަސްގެފާނަށް ލަފާ އަރުވާ "ޝޫރާ" މަޖިލީހުން އެކަން ކުށްވެރިކޮށްފި އެވެ.
އެ މަޖިލީހުގެ ރައީސް ޝެއިޚް އަބްދުﷲ އަލްއައްޝެއިޚް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުސްލިމުންގެ މުޤައްދަސް ބިނާއަކަށް އެގޮތަށް ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ބައިނަލް އަގްވާމީ ބާރުތަކުން އެކަން ހުއްޓުވައި ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ކޮންސަލްޓޭޓިވް އެސެމްބްލީ އޮފް ސައުދީ އަރަބިއާ ނުވަތަ "ޝޫރާ މަޖިލިސް" އަކީ ސައުދީ ރަސްގެފާނަށް ލަފާ އެރުވުމަށް އުފައްދާފައި އޮންނަ 150 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. އެ މަޖިލީހަށް މެމްބަރުން އައްޔަން ކުރަނީ ސައުދީ ރަސްގެފާނެވެ.
ސައުދީ މަޖިލީހުން އިޒްރޭލުގެ އެ އަމަލު ކުށްވެރިކޮށްފައިވާއިރު އިޒްރޭލު ފުލުހުންގެ ޖަރީމަތައް ގުދުސްގައި ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ކުރަމުންނެވެ. އަދި މީގެ ދެދުވަސް ކުރިން ޤުދުސް އަށް އިޒްރޭލުން އިތުރު 800 ފުލުހުން ފޮނުވާފައި ވާކަންވެސް ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް