ކެރޭނުތަކުގެ ރައްކާތެރިކަމާއިމެދު މައްކާގެ އަމީރު 11 ދުވަސް ކުރިން ސުވާލު އުފެއްދެވި

މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގެ 11 ދުވަސް ކުރިން ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ކެރޭނުތަކުގެ ރައްކާތެރިކަމާއިމެދު ބިންލާދިން ގްރ...

21 Sep 2015 | 00:21

މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގެ 11 ދުވަސް ކުރިން ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ކެރޭނުތަކުގެ ރައްކާތެރިކަމާއިމެދު ބިންލާދިން ގްރޫޕު ކުރެން މައްކާގެ އަމީރު ޕްރިންސް ހާލިދު އަލް ފައިސަލް ސުވާލު ކުރެއްވިކަމަށް އެކަން ތަހުގީގު ކުރާ ކޮމިޓީން ބުނެފި އެވެ.

އެ ކޮމިޓީން ބުނެފައިވަނީ ހައްޖު ކޮމިޓީގެ އަމީރުކަންވެސް ކުރައްވަމުން އަންނަ ޕްރިން ޚާލިދު އަލް ފައިސަލް، ހަރަމްފުޅު ބޮޑު ކުރުމުގެ ކޮންޓްރެކްޓަރު ކަމުގައިވާ ބިންލާދިން ގްރޫޕުގެ އިސްވެރިންނާ ބައްދަލުކޮށް މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން ސުވާލު ކުރެއްވި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކެރޭނުތަކާ އެ ކެރޭނުތަކުގެ ރައްކާތެރިކަމާމެދު އަމީރު ސުވާލު ކުރެއްވި ކަމަށް ކޮމިޓީން ބުނެފައިވެ އެވެ.

ކެރޭނު ވެއްޓުމުގެ ހާދިސާ ތަހުގީގުކުރަމުން އަންނަ ކޮމިޓީން ބުނެފައިވަނީ ކެރޭނުތަކުގެ ހާލަތާއިމެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރިނަމަވެސް އެ ކަންބޮޑުވުންތަކަށް އަބަދުވެސް ބީރު ކަންފަތެއް ކޮންޓްރެކްޓަރު ދީފައި ވާކަން މިހާތަނަށް ކަށަވަރު ކުރެވިފައި ވާކަމަށެވެ. ކޮމިޓީން މިހާތަނަށް ނިންމާފައިވަނީ ކެރޭނު ވެއްޓެން ދިމާވީ ވައިގަދަވުމުގެ އިތުރުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުރުމުގެ ސަބަބުން ކަމަށެވެ.

މިމަހުގެ 11 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި 111 މީހަކު ޝަހީދުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. ޒަހަމްވި މީހުންގެ ތެރެއިން 13 މީހަކަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް