ޗައިނާގެ ބެއިންޖިންގްގައި މިހާރު ކުރިއަށްދާ2024، އިންޓަރ ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕްޕިންގ ކަންޓްރީސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިނގިރޭސި ބަހުން ދެއްވެވި ތަގުރީރަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.
ޗައިނާގައި ކުރިއަށްދާ މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އާއި، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އަދި މަޖިލީހުގެ އަމީން އާއްމު އަލްއުސްޛާ ފާތިމަތް ނިއުޝާ ބައިވެވަޑައިގެނެފައިވެއެވެ.
މި ބައްދަލުވުން ކުރިއަށް ދާނީ މި މަހު18 އިން23 ގެ ނިޔަލަށެވެ.
މަޖިލީހުގެ ރައީސް އަބްދުރަހީމް ދެއްވެވި ތަގުރީރުގައި ވަނީ، ދިވެހި ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ދިމާވާ ގޮންޖެހުންތަކަކާއި ފުރުޞަތުތަކެއް ހުރިކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ސްޓްރެޓެޖީތައް ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ގާތުން ގުޅިފައިކަން ފާހަގަކުރައްވާފައި ވެއެވެ. އަދި މިދިޔަ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުނު ސިޑްސްގެ ހަތަރު ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލާ އަދުރޭ ވިދާޅުވީީ، ދެމެހެއްޓެނިވިކަމަކީ ދިވެހިންގެ އަސާސްކަމާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިކަމަށެވެ.
މީގެއިތުރުން، އެންމެންނަށް ފައިދާ ލިބޭފަދަ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމުކަމެއްކަމާއި، ދިވެހިރާއްޖެއިން މިމަގަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، އަދި މިކަމުގައި ޗައިނާއާއި އަދި އެހެނިހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެފައި ވެއެވެ.
އަދުރޭގެ މި ފުރިހަމަ ތަގުރީރުު އިނގިރޭސި ބަހުން ދެއްވުމުން ގިނަ ބައެއްގެ ތައުރީފު އަދުރޭއަށް ދަނީ ލިބެމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް