ށ. ފުނަދޫ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
މިއަދު ސޮއެކުރެވުނު، ފުނަދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އެ ރަށައް ޒަމާނުއްސުރެ ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ރަށުގެ ގިނަ ރައްޔިތުންތަކަށް ގެދޮރުވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1185 މީޓަރުގެ ޑްރެއިނޭޖް ބައޮސްވާލްއެއް ޤާއިމުކުރުމާއި، 35,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢަކީ 139.72 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއްކަމަށާއި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް