ބ. ތުޅާދޫ ބޭރުތޮއްޓާއި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ދޯނި ފަހަރު ކައިރި ކުރާއިރު އަރާފައިބަން ފަސޭހަވާނޭ ގޮތަށް ބޭރުތޮއްޓެއް ލެވިގެންދާނެކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
އަދި މުދާ ބޭލުމަށާއި އޮޑި ދޯނި ފަހަރު ކައިރި ކުރުމަށް ފަސޭހަވާނޭ ގޮތަށް އެއްގަމުތޮއްޓެއް ލެވިގެންދާނެއެވެ.
މިއީ އެއްގަމުތޮށި ގަނބައިގެންފައި އޮވެގެން ދިމާވަމުންދިޔަ އެތަކެއް ދަތިކަކަށް ނިމުމެއް ގެނެސްދެވޭނެ މަޝްރޫޢުއެއް ކަމަށްވެސް އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 551.91 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ބޭރުތޮއްޓެއް ލުމުގެ އިތުރަށް، 157 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮއްޓެއް ލުމާއި، 15 މީޓަރުގެ ސަބްމަރޖްޑް ބޭރުތޮއްޓެއް ލުމާއި، 214 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 22.8 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް