ކުރީ ސަރުކާރުގައި ފްލެޓާއި ގޯތީގެ ލިޔުން ލިބި ފްލެޓާއި ގޯތި ނުލިބުނު ފަރާތްތަކުގެ އެ ލިޔުންތައް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންރާސްޓްރަކްޗާއަށް ހުށަހެޅުމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު އެދިވަޑައިގެންފިއެވެ.
އަކްރަމް މިކަން ހާމަކުރެއްވީ ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަކްރަމް ވިދާޅުވީ ކުރީގެ ސަރުކާރުން އެންމެ ފަހުވަގުތު ލިޔުން ދޫކުރި ފަރާތްތަކަށް ގޮތެއް ހޯދައިދިނުމަށް މި ސަރުކާރުން މިހާރުވެސް ގޮތްތަކެއް ހޯދައިދިނުމަށް ވިސްނަމުން އަންނަ ކަމަށާއި އެގޮތްތައް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށެވެ.
"މިހާރު ފްލެޓްތަކާ ގޯތި ދޫކުރަން ފެށުމުން ވަރަށް ގިނަ ފަރާތްތަކުން އެބަ އާދޭ އެކި އެކި ލިޔުން ހިފައިގެން އެކަމަކު އޭގެ އެއްވެސް ރެކޯޑެއް ނެތް މިނިސްޓްރީއަކު ގޯތި ދޭނެކަމަށް ވައުދުވެ ދެއްވާފައިވާ ލިޔުން ސެޓިފިކެޓް ގޮތަށް އެބަ ހުރި" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ފުށި ދިއްގަރު ފަޅުންވެސް ގޯތި ދޭނެ ވާހަކަ ބައެއް ލިޔުންތަކުގައެބަ ހުރި ކަމަށާއި އެފަދަ ފަރާތްތަކުން ހުރި ލިޔުންތައް މިނިސްޓްރީއަށް އެއް ހަފްތާ ތެރޭގަ ހުށަހަޅުއްވަން އެދިލައްވާކަމަށެވެ.
އެއަށްފަހު އޭގެ ސައްހަ ކަމަށް ބަލާ އެބޭފުޅުންނަށް ގޮތެއް ހޯދާ ދިނުމަށް މަސައްކަތްކުރައްވާނެކަމުގައި އަކްރަމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް