ކެމްބޯޑިއާގެ ޖަލެއްގައި 52 އަހަރަށް ހުކުމް ކޮށްފައި ހުރި ޗައިނާގެ ގައިދީއަކު، ޑޮކްޓަރަށް ގެންދިޔަތަނުން، ހަތިޔާރު އެޅި ބަޔަކު ވަދެ ޗައިނާގެ އެ ގައިދީ ސަލާމަތްކޮށްފިއެވެ.
ކެމްބޯޑިއާގެ އަމިއްލަ ޑެންޓަލް ކްލިނިކަކަށް ހަތިޔާރު އެޅި ފަސް މީހަކު ވަދެ ޗައިނާގެ ކުށްވެރިއާ މިނިވަން ކުރުމަށް މިދިޔަ ހުކުރު ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކެމްބޯޑިއާގެ ފުލުހުން ބުނެ އެވެ.
ސިމް ރީޕް ޕްރޮވިންޝަލް ޕޮލިސް ޗީފް ޓެންގް ޗަންނާތު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެ 52 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުށްވެރިޔާ ޗެން ސިން ހާން، 45، އަދިވެސް ފިލައިގެން އުޅޭ ކަމަށެވެ.
ވީއޯއޭ ޚަމޭރަށް ލިބުނު ޖަލު ސިޓީއަކާއި ޑެންޓަލް ފެސިލިޓީގެ ކްލޯޒް ސާކިޓް ޓީވީ ފުޓޭޖްތަކުން ދައްކާ ގޮތުގައި ޖަލުގެ ހަތަރު ގާޑުން ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ސިއެމް ރީޕް ސިޓީގެ ޑެންޓިސްޓެއްގެ ގާތަށް ގައިދީ ގެންގޮސްފަ އެވެ.
ޓެންގް މިދިޔަ ބުރާސްފަތި ދުވަހު ފޯނުން ވީއޯއޭ ޚަމޭރަށް ވިދާޅުވީ ގައިދީ ދަތުގެ އެޕޮއިންޓްމަންޓަކަށް ހަމަޖެހިފައިވާކަން ހަތިޔާރު އެޅި މީހުންނަށް އެނގުނީ ކިހިނެއް ކަމެއް ސާފު ކޮށްދެވެން ނެތް ކަމަށެވެ. އޭރު ޓެންގް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް ހާމަ ނުކުރައްވާނެ ކަމަށެވެ.
2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ޗެންގެ ދަތްދޮޅީގައި ރިއްސާތީ ކާން އުނދަގޫވި ކަމަށް ވީއޯއޭ ޚަމޭރަށް ލިބިފައިވާ ޖަލުގެ ލިޔުންތަކުން ދައްކައެވެ.
ޑެންޓަލް އޮފީހުގެ ވީޑިއޯއިން ފެންނަ ގޮތުގައި މޫނު ނިވާކޮށްފައި ތިބި ފަސް މީހަކު ކްލިނިކްގައި ތިބި ޖަލުގެ ހަތަރު ގާޑުންނަށް ބަޑި ދިއްކުރި އެވެ. އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އަދޯކްގެ ތަރުޖަމާނު ސޯއެންގް ސެންކަރުނާ ވަނީ ގައިދީއަށް ޖަލުން ބޭރުގައި ފަރުވާ ހޯދުމުގެ ހުއްދަ ދިނީ ކީއްވެތޯ އާއި ހަތިޔާރު އެޅި މީހުންނަށް ފަރުވާ ދިން ވަގުތު އެނގޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
"ޖަލު އޮފިޝަލުންނަށް އެނގޭ ގައިދީއަށް 50 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވިކަން. އެހެންވީމަ އެމީހުން މިއަށްވުރެ ބޮޑަށް ސަމާލުވާންވީ،" ވީއޯއޭ ޚަމޭރަށް އޭނާ ވިދާޅުވި އެވެ.
ކެމްބޯޑިއާގެ 2021 ވަނަ އަހަރުގެ ގްލޯބަލް އޯގަނައިޒްޑް ކްރައިމް އިންޑެކްސް ޕްރޮފައިލްގައި ބުނެފައި ވަނީ އެ ގައުމުގެ "ޕޮރަސް ބޯޑަރުތަކާއި ކޮރަޕްޓް އަދި ތަރައްގީ ނުވާ ގާނޫނު ތަންފީޒު ކުރާ އޮނިގަނޑުތައް" މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހިވާ ކަމަށެވެ.
އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން ރިޕޯޓްކުރި ގޮތުގައި، ތައިލެންޑް، މިޔަންމާ، ލާއޯސް އަދި ޗައިނާގެ ބޯޑަރުތައް ގުޅިފައިވާ ގާނޫނާ ހިލާފު ސަރަހައްދެއް ކަމަށްވާ ގޯލްޑަން ޓްރިއެންގަލްގައި ޑްރަގް ލޯޑްސް އިން ކެމްބޯޑިއާގައި މެތު ލެބްތައް ގާއިމުކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް