މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި 100 ވެރިންވެސް ކުދި ރަށްތަކަށް އިހުމާލުވެފައިވާކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ކެމްޕޭނުގައި ބ. ފުޅަދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މި ސަރުކާރުން ތަރައްގީ ގެންނަމުން އަންނަކަން ތަކުރާރުކޮށް ހާމަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވި އެމަނިކުފާނަކީ ރާއްޖޭގައި ވެރިކަންކުރާ 101 ވަނަ ވެރިމީހާ ކަމަށާއި މީގެ ކުރިން އެއްވެސް ވެރިޔަކު ކުދި ރަށްތަކަށް ތަރައްގީ ގެނެސްފައިނުވާކަމަށެވެ. އަދި މީގެ ކުރިން ކުދި ރަށްތައް ބޭނުން ކުރަމުން އައީ ވެރިންގެ މުހުތާދުތައް ފުއްދުމަށް ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ އެ ވާހަކަފުޅަށްފަހު ފުޅަދުއަށް އިތުރު ވައުދުތަކެއްވެސް ރައީސް ވެވަޑައިގެންނެވިއެވެ.
އެއީ:
- ގޮއި،ފުޅަ، ފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލުން
- ބޮއްކުރާ ޑިންގީތަކަށް ފްލޯޓިން ޖެޓީއެއް އަޅާދިނުން
- ޒުވާނުންނަށް އިންޑޯ ވޮލީ ކޯޓެއް އަޅާދިނުން
- ކޮމިއުނިޓީ ސެންޓަރެއް ގާއިމް ކުރުން
- ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކުރުން
- ސަރުކާރު މުވައްޒަފުންނަށް އެކަމަޑޭޝަން ބްލޮކެއް އަޅާދިނުން
- ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހިދުމަތް ގާއިމް ކުރުން
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 345 އެވެ. އެއީ 240 ދިވެހިންނާއި 105 ބިދޭސީންނެވެ. މި ހިނގާ 2023 ވަނަ އަހަރުގެ ބަޖެޓުގައި އެ ރަށުގައި 11 މަޝްރޫއެއް ހިންގުމަށް 1.2 މިލިޔަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް