"ދެންމެ" ނަމުގައި ނޫހެއްގެ ސިފައިގާ ހިންގަމުން އަންނަ ވެބްސައިޓެއްގެ ޕޯސްޓްތަކަށް ސޯޝަލް މީޑިއާގައި ރިއެކްޓް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެ ކައުންސިލުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ "ދެންމެ" ނޫހުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ގިނަ އަދަދެއްގެ ލިޔުންތައް ޝާއިއު ކުރަމުންދާ މައްސަލަ އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
""ދެންމެ" ނޫހުގައި ޝާއިއުކުރާ ހަބަރުތަކާއި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައިވާ ހެޑްލައިންތަކުގެ މައްސަލަ އާންމު ފަރާތްތަކުން މި ކައުންސިލްގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން ކައުންސިލުން އިސްނަގައިގެން މައްސަލަ ބެލުމަށް ނިންމައި ޝަކުވާ ބަލާ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލައި ދިރާސާ ކުރަމުން" އެ ކައުންސިލުން ބުނެފައިވެއެވެ.
މީޑިއާ ކައުންސިލުން ބުނެފައިވަނީ އެހެންނަމަވެސް "ދެންމެ" ނޫހަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓްރީ ކޮށްފައިވާ ނޫހަކަށް ނުވާތީ އެ ނޫސް ހިންގާ ފަރާތެއް އަދި މަސްއޫލުވެރި ފަރާތެއް ދެނެގަތުމާއި ޖަވާބުދާރީ ކުރުވުމުގައި ބައެއް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. އަދި މި މައްސަލަ ކަމާއިބެހޭ އިދާރާތްތަކަށް ހުށަހެޅުމަށް އެ ކައުންސިލުން މަސައްކަތް ކުރަމުންދާކަމުގައި ދަންނަވާކަމަށާއި އެހެންކަމުން "ދެންމެ" ނޫސް ހިންގާ ފަރާތާބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ މި ކައުންސިލާ ހިއްސާ ކުރުމަށް އެދެމެވެ. އަދި އެ ނޫހުގައި ޝާއިއުކުރަމުން އަންނަ އާންމު އިޖްތިމާއި މިންގަނޑާ ހިލާފު ކޮންޓެންޓާއި ހެޑްލައިންތައް މީސްމީޑިއާގެ މަންސަތަކުގައި ޝެއަރކޮށް ރިއެކްޓް ނުކުރުމަކީ މި ކައުންސިލުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު، އެ ކައުންސިލުން މައްސަލަތައް ބެލުމުގައިވެސް މަސައްކަތްކުރަނީ، އެ މިނިވަންކަން ނިގުޅައިނުގަނެވޭގޮތަކަށް މައްސަލަތައް ބެލުމަށް ކަމަށާއި އެހެން ނަމަވެސް ތަކުރާރުކޮށް އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ހަބަރުތައް ގެނެސްދިނުމާއި ގާނޫނާއި ގަވާއިދުތަކާއި އަދި "ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު" އާ ހިލާފުވާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގައިވެސް މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް