ނަން އިއްވި މެންބަރުން ނުނިކުތުމުން މަޖިލިސް މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށްނުގެންދެވި މެދުކަނޑާލައިފިއެވެ. މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ކުރިއަށްދާއިރު ޖަލްސާ މެދުކަނޑާލީ ރިޔާސަތުން ނަން އިއްވި ތ...

21 Aug 2023 | 05:16

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށްނުގެންދެވި މެދުކަނޑާލައިފިއެވެ.

މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ކުރިއަށްދާއިރު ޖަލްސާ މެދުކަނޑާލީ ރިޔާސަތުން ނަން އިއްވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރަކު ތަޅުން ދޫކުރައްވައި ވަޑައިނުގެންނެވުމުންނެވެ.

އެ ތިން މެންބަރުންނަކީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣްނީ އެވެ.

ތިން މެންބަރުންގެ ތެރެއިން އަބްދުލްމުޣްނީއާއި އިބްރާހިމް ޝަރީފް ތަޅުން ދޫކުރައްވައި ނިކުމެވަޑައިގެންނެވި ނަމަވެސް އިބްރާހިމް ޝަރީފް ވަނީ އަލުން ތަޅުމަށް ވަޑައިގެންފައެވެ. ޔައުގޫބް އެއްގޮތަކަށްވެސް ތަޅުން ދޫކުރައްވާފައެއް ނުވެއެވެ.

ތިން މެންބަރުން ނެރުމަށް ރިޔާސަތުން ސާޖަންޓް އެޓް އާމަށްވެސް އެންގެވިއެވެ. އެހެންނަމަވެސް ގަދަކަމުން މެންބަރުން ނެރުމުގެ ހަރަކާތެއް ފެނިފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާ ފެށިގެން އިރުކޮޅެއްގެ ތެރޭގައި ހޫނުވެގެންދިޔައީ ދަ ޑިމޮކްރެޓްސް ރައްޔިތުންގެ މަޖިލީހުގައި ރަސްމީކޮށް ރަޖިސްޓާ ކުރެވި ދާއިމީ ކޮމިޓީތައް އެކުލަވާލުން އަނެއްކާވެސް ކުރިއަށްގެންދަން ޖެހޭކަން ރިޔާސަތުން އިއުލާނުކުރައްވައި އަދި މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލަތައްވެސް ކުރިއަށްގެންދެވޭނީ ކޮމިޓީތައް އެކުލަވާލެވި މަސައްކަތްތައް ފެށިގެންކަން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވުމާއިހަމައިންނެވެ.

އެހިސާބުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ގެންދެވީ ރައީސް ނަޝީދު ގަދަކަމުން ގޮނޑީގައި އިންނަވާކަން ދޭހަވާ މޭރުމަކުން އަޑުގަދަ ކުރައްވަމުންނެވެ. ނަން އިއްވަން ފެށީ އެހިސާބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް