އާލާސްކަންފުޅަށްފަހު ރައީސް މިއަދު އަލުން ކެމްޕޭން ދަތުރު ފައްޓަވައިފި

އާލާސްކަންފުޅަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން މިއަދު އަލުން ފައްޓަވައިފިއެވެ. ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެން ވަޑައިގަންނަވާނީ ބ އަދި ރ އަތޮޅަށް...

21 Aug 2023 | 04:30

އާލާސްކަންފުޅަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން މިއަދު އަލުން ފައްޓަވައިފިއެވެ.

ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެން ވަޑައިގަންނަވާނީ ބ އަދި ރ އަތޮޅަށް ކަމަށް ‘އިބޫއަސްލަމް’ ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވަނީ ވިދާޅުވެފައެވެ.

އާލާސްކަންފުޅު ޖެހިވަޑައިގެން ރައީސް އދ އަތޮޅަށް ކުރައްވަން ހަމަޖެހުނު ދަތުރު ކެންސަލް ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

“އެހެންވިޔަސް ހަމަ ވަގުތު ވީ ވަރަކުން، ކުރީގަ އެ އާލާސްކަންފުޅާވެގެން ވަޑައިނުގެންނެވުނު ރަށްރަށްވެސް ކަވަރ ކުރެއްވޭތޯ ބައްލަވާނެ” މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭނަށް ރައީސް އެންމެ ފަހުން ވަޑައިގެންނެވީ އއ ތޮއްޑޫ، ރަސްދޫ، ބޮޑުފޮޅުދޫ، މަތިވެރި، މާޅޮސް، ފެރިދޫ އަދި އުކުޅަހަށެވެ. ބުދަ ދުވަހުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ބުރާސްފަތި ދުވަހު ވަޑައިގްނަވަން ހަމަޖެހިފައި އޮތީ އަރި އަތޮޅު ހިމަންދޫ، ހަންޏާމީދޫ، ދިއްދޫ، ދަނގެތި، ދިގުރަށް، ކުނބުރުދޫ، އޮމަދޫ އަދި މަހިބަދޫއަށެވެ.

ނަމަވެސް ރައީސް އާލާސްކަންފުޅާ އުޅުއްވާތީ އެ ދަތުރުފުޅު ކެންސަލްވީއެވެ.

“ވަރަށް ބޮޑަށް މިއުޅޭ ރޯގާ ޖެހިވަޑައިގެން ހުންފުޅު އަހިސްގެން” މާރިޔާ ވިދާޅުވިއެވެ.

އޭގެ ކުރިން ކެމްޕޭނަށް ނ އަތޮޅާއި ދ، ގދ އަދި ގއ އަތޮޅުގެ ރަށްރަށަށްވެސް ރައީސް ވަޑާއިގެންނެވިއެވެ.

އެ ދަތުރުފުޅުގައި ދ އަތޮޅުގެ މީދޫ، ރިނބުދޫ، ބަނޑިދޫ، ހުޅުދެލި، މާއެނބޫދޫ، ކުޑަހުވަދުއަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން އަންގާރަ ދުވަހު ގދ ކާޑެއްދޫ އަށް ވަޑައިގަންވަނަވައި، ގއ އަދި ގދ ގެ ރަށްރަށަށް ދަތުރު ކުރެއްވިއެވެ. އެގޮތުން ރައީސް ވަނީ  މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ ، ރަތަފަންދޫ، ފިޔޯރީ، ގައްދޫ، ވާދޫ، ފަރެސްމާތޮޑާ، ދެއްވަދޫ، ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ،  ވިލިނގިލި، ދާންދޫ، ކޮލަމާފުށި، މާމެންދޫ އަދި ވިލިނގިއްޔަށް ވަޑައިގަންނަވާފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީވެސް  ށ. އަތޮޅުންނެވެ.

އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން ކ. އަތޮޅުގެ  ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ. އަދި ހއ. އަތޮޅުގެ10 ރަށަކަށްވެސް ވަޑައިގެންނެވިއެވެ. އެއީ  ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.

އެއަށްފަހު އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ޏ. ފުވައްމުލަކަށެވެ. އަދި އޭގެ ފަހުން ށ. އަތޮޅާށާއި ހދ އަތޮޅަށް ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް