"ކިހިނެއްވީ ރާނީ..؟ އަހަރެން އިނީމަ ހިތްހަމަނުޖެހުނީތަ؟ " ލޫކަން ބުންޏެވެ. ރާނީއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ލޫކަންގެ ސަމާސާއެއްކަމަށް ބަލާފައި ދުއާ ހިނިތުންވެލިއެވެ.
" ސާބަސް !! ލޫކް އިނީމަ ރާނީ ކީއްވެ ހިތްހަމަނުޖެހެންވީ.. ދޯ ރާނީ.. " ރާނީ ރަކިވީ ކަމަށް ހީކޮށްފައި ދުއާ ބުނެލިއެވެ. ރާނީ ވަކި އެއްޗެއް ނުބުނެ ބޭރުބަލަން ފެށިއެވެ.
***
ހަމަދް އުޅޭ ގޭގެ ކުރިމައްޗަށް ކާރު ލޫކަން ކާރު މަޑުކޮށްލިއެވެ. ދުއާ އާއި ރާނީ ފޭބުމުން ކާރު ޕާކުކޮށްފައި އެބައަންނަން ކަމަށް ބުނެ ލޫކަން ކާރު ކުރިއަށް ދުއްވައިލިއެވެ.
" ކޮބާ ކޭކު ރެޑީގަތަ އިނީ..؟ " ރާނީ އަހައިލިއެވެ.
" ކޭކު މިތަނަށް ޑެލިވަރީ ކުރަން ބުނިން.. މަޑުކުރޭ އެތަނަށް އެބަ ގުޅާލަން.. " ދަބަހުގައި އޮތް ފޯނު ނަގަމުން ދުއާ ވާހަކަ ދެއްކިއެވެ. އެތަނަށް ގުޅައިގެން އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ފޯނު ބޭއްވިއެވެ. އެވަގުތު ލޫކަންވެސް އައިސް އެމީހުން ކައިރިއަށް ހުއްޓިއްޖެއެވެ.
" ކޭކު ހިފައިގެން ނިކުމެއްޖޭ ބުނީ... ލޫކްއާ ރާނީ ދާންވީނު.. އަހަރެން ދާނަން ކޭކު ހިފައިގެން.. " ދުއާ ބުންޏެވެ. ރާނީ ޖެހިލުންވެފައި ލޫކަންއާ އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.
" ނޫން.. ކޭކު އައިމަ ދުއާ އާ އެއްކޮށް ދާނީ... " ރާނީ އަވަސް އަވަހަށް ބުންޏެވެ.
" ކިހިނެއްވީ؟؟ އަހަރެން ރާނީ ކައެއް ނުލާނަމޭ... " ލޫކަން ބުނެލައިފިއެވެ. ދުއާ ލޫކަންއަށް ގޮވައިލަމުން އޭނާގެ އަތުގައި ޖަހާލައިފިއެވެ. ރާނީ ކައިރިއަށް އައީ ރުޅިއެވެ. ދަތްކުޑި ވިކައިލަމުން ލޫކަންއާ ދިމާލަށް ދެލޯ އަޅައިލިއެވެ.
" ރާނީ އެއްޗެކޭ ހީނުކުރައްޗެ.. ބައެއް ފަހަރު މި ލޫކް ވަރަށް ލާނެތް ވާނެ.. ދޭބަލަ ލޫކްއާ އެކީ.. އެއްވެސް މީހަކު ނާންނަ ކަމަށް ހީކޮށް މިހާރު ހަމަދް އިންނާނީ ދެރަވެފަ.. " ދުއާ އެދުނެވެ. އިތުރަށް އެކަމަށް އިންކާރު ކުރާކަށް ރާނީއަށް ނުކެރުނެވެ. ލޫކަންއަށް ބަލައިވެސް ނުލާ ކުރިއަށް ހިނގައިގަތެވެ.
ލިފްޓުގެ ދޮރު ހުޅުވަން ފިތައިލީ ލޫކަންއެވެ. ދެޖީބަށް އަތް ކޮއްޕާލުމަށްފަހު ކައިރީގައި ހުރި ރާނީއަށް ބަލައިލިއެވެ. ލޫކަންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާ ވާކަން އެނގިހުރެ ލޫކަންއާ ދިމާލަށް ނުބަލަން ރާނީ މަސައްކަތް ކުރަމުން ދިޔައެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކު ދެމީހުންނަށް ވަންނަން ދެވުނީ އެކުއެކީގައެވެ. އެވަގުތު ދެމީހުން މުޑިނޭރީ ކިރިޔާއެވެ. ރާނީއަށް ވީގޮތުން ލޫކަން ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އަތުގެ އިޝާރާތުން ރާނީ ކައިރީގައި ވަނުމަށް ބުނުމުން ރާނީ އެތެރެއަށް ވަނެވެ. އެއަށްފަހު ލޫކަން ވަދެ ޓެރޭސްއަށް ދާން ފިއްތައިލުމަށްފަހު ލިފްޓުގެ ދޮރު ލައްޕައިލިއެވެ. އެއަށްފަހު އަނެއްކާވެސް ދެޖީބަށް އަތް ޖަހައިލިއެވެ. ރާނީއަށް ވާ ގޮތެއް ބަލައިލަން ލޫކަން ކުއްލިއަކަށް އޭނާގެ އަތް ޖީބުން ނެގިއެވެ. އެވަގުތު ސިހިފައި ލޫކަން އޭނާގެ އަތުގައި ހިފަން އުޅެނީކަމަށް ހީކޮށް އަތްގެނެސް މެޔާ ކައިރިކޮށްލައިފިއެވެ. ލޫކަން ލާނެތް ހިނިތުންވުމެއް ވެރިކޮށްގެން ހުރެ ނެގި އަތުން ބޯކަހައިލުމަށްފަހު އަލުން ޖީބަށް ޖަހައިލިއެވެ. ރާނީ ސިހުނުކަމަށް ނުދައްކަން މަސައްކަތް ކުރަމުން ދެއަތް އުރާލައިފިއެވެ. އޭނާ ހުރީ ލިފްޓުގެ ދޮރު ހުޅުވުން ލަސްވެފައެވެ. އަވަހަށް ނިކުންނަން ދިޔަ ހިނދު ލޫކަން ރާނީގެ އަތުގައި ހިފާފައި އޭނާއާ ދިމާލަށް ލުއްކެއް ޖެހިއެވެ. އެވަގުތު ރާނީ އޭނާ ގޮސް ލޫކަންގެ ގައިގައި ޖެހުމުގެ ކުރިން އޭނާގެ އަތް ލޫކަން މޭގައި ޖެއްސިއެވެ. އެފަދަ ކަމަކަށް އޭނާ ހުރީ މާކުރިންވެސް ތައްޔާރުވެގެން ކަހަލައެވެ.
" ދޫކުރޭ!! މީހަކަށް ފެނިޖިއްޔާ ވެއްޓޭނީ ހަމަ ލޫކަންގެ އަގު... " ރާނީ ބުނެލިއެވެ.
" ކީއްކުރާނީ..!! ރާނީ ފެނުނީމަ އަހަރެންނަށް މިކަހަލަ ކަންތައްތައް ކުރެވެނީ ބޭއިޙްތިޔާރުގައި.. " ލޫކަން ބުނެލިއެވެ.
" ލަދެއްވެސް ނުގަނޭތަ ވާން އުޅޭ އަނބިމީހާއާ އެކު އައިސްފައި ތިގޮތަށް އުޅޭކަށް.. " ލޫކަން އަތުން ވީއްލިގަންނަން މަސައްކަތް ކުރަމުން ރާނީ ބުންޏެވެ.
" ލަދެއް ނުގަނޭ.. ދެރަވަނީ.. އެކަމަކު ކީއްކުރާނީ... ރާނީ ކައިރީގައި ހުންނައިރު އިހުސާސްތަކަށް ބާރު ފޯރުވަން އުނދަގުވަނީ.. މިރޭ ހިތްއެދި ގޮވަމުން ދާނީ ރާނީ ކައިރީ އެންމެ ވާހަކައެއް ބުނެލުމަށް.. އެވާހަކަ ނުބުނެވެނިސް އަހަރެންގެ މިހިތް މަތައެއް ނުވާނެ.. " ލޫކަން ބުންޏެވެ. " ރާނީ މިރޭ ވަރަށް ވަރަށް ރީތި.. އަހަރެންގެ ހިތް ތަޅުވަންތަ ތިހާ ރީތިވެލައިގެން ތިހުރީ... ؟
" ލޫކަންއަށް ރީތިކަން ދައްކާހިތުން މޮޔަވަގެން އަހަރެން ނޫޅެން... ދޫކޮށްލާ..!! " ދަތްކުޑިވިކައިލަމުން ރާނީ ބުންޏެވެ. އެވަގުތު ލޫކަން ރާނީ އަތުން ދޫކޮށްލައިފިއެވެ. ލިފްޓުގެ ދޮރު ހުޅުވުމަށްފަހު ރާނީ އަވަސް އަވަހަށް އެތަނުން ނިކުތެވެ.
ރާނީއާއި ލޫކަން ޓެރަހަށް ނިކުތްއިރު ގްރިލް ކައިރީގައި ކުކުޅާއި ސޮސެޖް ފިހަން ތިބީ ހަމަދްއާއި އާރަވްއެވެ. މޭޒުކައިރީގައި އިސްޖަހާލައިގެން ފޯނާ ކުޅެން ތާރާ އިނެވެ. ރާނީ ގޮސް ތާރާ ކައިރީގައި އިށީނުމުން ލޫކަން ގޮސް ހުއްޓުނީ ހަމަދްއާއި އާރަވް ކައިރިއަށެވެ. ރާނީ އާއި ލޫކަން ފެނުމާއެކު ތާރާ ހޯދައިލީ ދުއާ އެވެ. ދުއާ ނާންނަކަން ޔަގީންވުމުން އެމޫނަށް ވެރިވި މާޔޫސްކަން ރާނީއަށް ފެނި ތުންފަތުގެ ކަނަކުން ހީނލެވުނެވެ.
" ކޮބާ ކިހިނެއް އޮތީ.. ؟ " ލޫކަން އެހެން އަހައިލީ ހަމަދް ކުރެންނެވެ.
" ހަމަ ކުރިންވެސް އޮތްގޮތަށް... ކައި ނިންމާލާފަ ރާނީ ދާނެ ތާރާ ގޮވައިގެން ތިރިއަށް.. އަންނަވާއިރަށް ކަލޭމެން ޖެހޭނެ މިތަން ރެޑީކޮށްލަދެން.. " ހަމަދް ބުންޏެވެ.
" އަހަރެމެން ހުރިހާ ކަމެއް ކޮށްފަ ދެން ކަލޭ ކީއްކުރާނީ.. " އާރަވް އެހިއެވެ.
" އަހަރެން ލައްވާ މިރޭ މަސައްކަތް ކުރުވާކަށް ނުވާނެއްނު.. އަހަރެންމީ ސްޓާރ އޮފް ދަ ނައިޓެއްނު.. " ހަމަދް ބުނެލި ގޮތުން ލޫކަން އާއި އާރަވް އެކަކު އަނެކަކަށް ބަލާލާފައި ހިނިގަނޑެއް ޖަހައިލިއެވެ.
" ކޮބާ ރެޑީ ވެއްޖެ... ރާނީ އަވަހަށް އާދޭ ޕާން ހިފައިގެން ފިހަން.. " ހަމަދް ގޮވައިލިއެވެ. އެހިނދު ރާނީ މޭޒުމަތީގައި ހުރި ޕާން ބޮނޑި ހިފައިގެން ތެދުވިއެވެ. ދާން ހިނގާށޭ ބުނުމުންވެސް ތާރާ އިންތާ އިނުމުން ކިހިނެއްވީތޯ ރާނީ ސުވާލުކުރިއެވެ. ފިހުނު ކުކުޅު ފައިތަކާއި ސޮސެޖްތައް ހިފައިގެން ހަމަދްއާއި އާރަވް އަދި ލޫކަންވެސް މޭޒު ކައިރިއަށް ޖެހިލިއެވެ.
" ސޮރީ ހަމަދް.. އަހަރެން ބޭނުން ގެއަށް ދާން.. ދެން އެހެން ފަހަރަކުން ދޯ.. "ތާރާ ތެދުވަމުން ބުންޏެވެ.
" އެއީ...؟ ތާރާ ރަނގަޅުތަ؟ " ތާރާގެ އަތުގައި ހިފައިލަމުން އޯގާތެރިކަމާއެކު ހަމަދް އެހިއެވެ. ތާރާއަށް ވީގޮތް އެނގެނީ ރާނީއަށް އެކަންޏެވެ.
" ހުމްމްމް... ކުޑަކޮށް ބޮލުގަ ރިއްސަނީ... " ތާރާ ބުނެލިއެވެ.
" އެކަކަށް އެއްތާކަށްވެސް ނުދެވޭނެ... " ދުރުން އިވުނު އަޑާއެކު އެންމެން އެއްފަހަރާ އެދިމާލަށް ބަލައިލިއެވެ. ވަދެގެން އަންނަ ދުއާ ފެނުމުން ތާރާއަށް ހީނލެވެން އުޅުނެވެ. އެހެންނަމަވެސް ދުއާ ހުރީ އޭނާ ދެކެ ރުޅި އައިސްފައޭ ހީކުރެވި ދެރަވެފައި ހުރެވުނެވެ. ހިނިތުންވެ ހުރެ އެދިމާލަށް އަންނަމުން ދިޔަ އާރަވްއަށް ހީނލެވުނެވެ. އެއަގު ބޮޑު ހިނިތުންވުން އޭނާއަށް އެފެންނަނީ އެތައް ދުވަހެއް ފަހުންނެވެ.
" އައްދެ!! ތީ ނާދެވޭނޭ ބުނި މީހާ އެއްނު.. " ހަމަދް ބުނެލިއެވެ.
" ނާންނަން ހުރީ... ދެން ހިތަށް އެރީ މިރޭ އަހަރެން ނެތިއްޔާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވަރަށް ދެރަވާނޭ.. އެހެންވެ އަންނަން މަޖުބޫރުވީ.. " ތާރާ ކައިރިއަށް ހުއްޓެމުން ދުއާ ބުންޏެވެ. ތާރާ ދުއާ އަށް ބަލަން ހުރީ ހައިރާންވެފައެވެ. އެމޫނުމަތިން މިހާރު ރުޅީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
" ނޫންތަ ބެސްޓީ.. " ތާރާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން ދުއާ ބުންޏެވެ. ތާރާ ފެންކަޅިވެފައިވާ ދެލޮލުން ދުއާއަށް ބަލަން ހުރެ ބޯޖަހައިލިއެވެ. އެވަގުތު ދުއާ ތާރާ ގައިގައި ބައްދާލައިފިއެވެ. އެމަންޒަރު ބަލަން ހުރި ރާނީ ފުންނޭވައެއް ދޫކޮށްލަމުން ހިނިތުންވެލިއެވެ.
" އަހަރެންނާ ރުޅިއެއް ނޫން ދޯ މިހާރު!! " ހަމައެކަނި ދުއާއަށް އިވޭ ވަރަށް ކުރަކި ވެފައިވާ އަޑަކުން ތާރާ އަހައިލިއެވެ.
" އަހަރެން އެއް އިރެއްގައިވެސް ތާރާއާ ރުޅިއެއް ނޫން.. މާބޮޑަށް ދެރަވީމަ އެގޮތަށް ކަންތައް ކުރެވުނީ.. ސޮރީ " ދުއާވެސް ބުނެލިއެވެ.
" އޭ ދެން މިރޭ ސްޕޮއިލް ކޮށްލަން ނޫޅެ ދުރަށް ދޭ " ދުއާ އާއި ތާރާ ދުރުކޮށްލަމުން ހަމަދް ބުންޏެވެ.
ރާނީ ޕާންބޮނޑި ހިފައިގެން ގްރިލްއާ ދިމާލަށް ހިނގައިގަތުމުން އާރަވްވެސް ރާނީގެ ފަހަތުން ހިނގައިގަތެވެ. އެމަންޒަރަށް ލޫކަންގެ ޙާއްސަ ނަޒަރެއް ދެވުނީ ބޭއިޚްތިޔާރުގައެވެ. މޭޒުމަތީގައި އޮތް މާޝްމެލޯވ ޕެކެޓް ނަގައިގެން ދުއާވެސް ތާރާގެ އަތުގައި ހިފައިގެން އެދިމާލަށް ހިނގައިގަތެވެ. މޭޒު ކައިރީގައި އިން ލޫކަންގެ އިރުއިރުކޮޅުން ގްރިލް ކައިރީގައި ތިބި އާރަވްއާއި ރާނީއަށް ދެވެއެވެ. އެދެމީހުން ހީ ހީފައި އެދައްކަނީ ކޮން ވާހަކައެއްތޯ ހިތަށް އެރިއެވެ. އެމަންޒަރު ފެނި އޭނާގެ ހިތް އަނދަމުން ދިޔައީ އޭގެ އިންތިހާއަށެވެ. ފިހުނު ޕާން އެތި ހިފައިގެން އެދެމީހުން އައިސް މޭޒުމަތީގައި ބެހެއްޓީވެސް ލޫކަން ބަލަން އިންދައެވެ. ލޫކަންގެ ތޫނު ނަޒަރު އިހުސާސްވެ ރާނީވެސް ހުރީ އުނދަގޫވެފައެވެ. ހިތާހިތުން ދުއާ ކުރަމުން ދިޔައީ އެހެން މީހަކަށް އެކަން ފާހަގަ ނުވޭތޯއެވެ. އެއްފަރާތެއްގައި މާޝްމެލޯ ކާންތިބި ދުއާ އާއި ތާރާ އަދި ހަމަދްއަށް ކާން އައުމަށް ގޮވައިލީ އާރަވްއެވެ.
އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލުމަށްފަހު ތާރާގެ އުފާވެރި ރޭގައި ދުއާ ބައިވެރިވަމުން ދިޔައީ އޭގެ އެންމެ ރަނގަޅު ގޮތުގައެވެ. ކުރިއެކޭ އެއްގޮތަށް ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލެވުމުން އޭނާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. އާރަވްގެ ޖެއްސުމަކާ ކުރިމަތިނުވާތީވެސް އޭނާ އިނީ ހިތްހަމަޖެހިފައެވެ.
" ކޮބާ ކައި ނިމުނީ ދޯ.. އެބަ އަންނަން ޑެޒާޓް ހިފައިގެން.. " މިހެން ބުނެ ދުއާ އިންތަނުން ތެދުވިއެވެ. " ތާރާ ހިނގާބަލަ އަހަރެންނާއެކު.. ހަމަދްގެ އެޕާޓްމެންޓްގައި ހުންނާނެ އަހަރެން ގެނައި އެއްޗެއް"
" ކީއްކުރަން އެތާ ބެހެއްޓީ... މިތަނަށް ގެނައިނަމަ.. " ތާރާ ބުންޏެވެ.
" އެއީ ސަޕްރައިޒަކަށްވީމައޭ މިތަނަށް ނުގެނައީ.. ދެންވެސް ހިނގާބަލަ އަވަހަށް.. " ތާރާގެ އަތުގައި ހިފާ ދަމައިލަމުން ދުއާ ބުންޏެވެ. އޯކޭއޭ ބުނުމަށްފަހު ތާރާ ދުއާ އާ އެކު ހިނގައިގަތެވެ. ދުއާ ތާރާ ގެންދިޔަ ސަބަބުން އެތާ ތިބި އެހެން މީހުންނަށް އެނގެއެވެ. ދުއާ އާއި ތާރާ ޓެރޭސްއިން ނިކުތުމާއެކު އެބައަންނަމޭ ބުނުމަށްފަހު އާރަވްވެސް އެތަނުން ނިކުތެވެ. ރާނީއާއި ލޫކަން އަދި ހަމަދް ވެގެން ތަން ތައްޔާރު ކުރަން ފެށީ ދެނެވެ.
*************
ލޫކަން ނެތް ގަޑީގައި ދުންޔާ އެކޮޓަރިއަށް ވަނީ ސާފުކުރުމަށެވެ. ލޫކަން އަކީ ތަރުތީބު ކަމަށް ލޯބި ކުރާ ކުއްޖަކަށް ވުމާއެކު މާބޮޑު ކަމެއް ކުރާކަށް ދުންޔާއަކަށް ނުޖެހުނެވެ. އެނދުގައިވާ ބެޑްޝީޓު ރީތިކޮށްލުމަށްފަހު ބާލިސްތައް ތަރުތީބު ކޮށްލިއެވެ. ފޮތް ހަރުގަނޑުވެސ ތަރުތީބު ކޮށްލުށްފަހު ދެން ޖެހިލީ ކިޔަވާ މޭޒު ކައިރިއަށެވެ. ގަލަންތަކުގައި ދޯރި ޖަހައިލުމަށްފަހު އެ ހުންނަންވާ ތަނަށް ލިއެވެ. އެއަށްފަހު ހުޅުވާފައިވާ ބައެއް ފޮތްތައް ނަގައިގެން ފޮތް ހަރުގަނޑު ކައިރިއަށް ޖެހިލި ވަގުތު އޭގެ ތެރެއިން ވެއްޓުނު އެއްޗެއް އައިސް ޖެހުނީ ދުންޔާގެ ފައިގައެވެ. އެއީ ކޮންމެވެސް މީހެއްގެ ފޮޓޮއެއްކަން ދުންޔާއަށް އެނގުނީ ރަނގަޅަށް ބަލައިލުމުންނެވެ. އެހެންނަމަވެސް އައިނު ނާޅާ ހުރުމުން އެހާ ދުރުން އެއީ ކޮންބައެއްކަން ވަކި ކުރަން އޭނާއަށް ނޭނގުނެވެ. ހަރުގައި ފޮތްތައް ބެހެއްޓުމަށްފަހު އޭނާއައިސް އެފޮޓޯގަނޑު ނަގާ ބަލައިލިއެވެ. އެއާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
************
ހަމަދްގެ އެޕާޓްމެންޓަށް ވަދެވުނު ހިނދު ފަހަތުން ފިޔަވަޅުގެ އަޑު އިވިފައި ދެމީހުންގެ އެކީގައި ފަހަތަށް ބަލައިލިއެވެ. އާރަވް ފެނުމާއެކު ދުއާ އަށް އިސްޖަހައިލެވުމާއެކު ތާރާ ދެލޯ ހަނިކޮށްލިއެވެ.
" އަހަރެން ބޭނުން ދުއާ އާ ވާހަކަ ދައްކާލަން.. " އާރަވް ބުންޏެވެ. ތާރާ އެއްޗެއް ބުނަން އުޅުނު ހިނދު ދުއާ ވާހަކަ ދައްކަން ފެށުމުން ތާރާ ދުއާ އަށް ބަލައިލިއެވެ.
" އަހަރެން ބޭނުމެއް ނޫން އެއްވެސް ވާހަކައެއް ދައްކާކަށް... " ދުއާ ބުނެލިއެވެ.
" އެއީ ކީއްވެ؟ އަނެއްކާވެސް އަހަރެން ދުއާގެ ފައިދާ ނަގައިދާނެތީ ތަ؟ " ' ފައިދާ ' އެލަފްޒަށް ބާރުލާފައި އާރަވް ބުންޏެވެ. އެހިނދު ދުއާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. އާރަވް އެހެން ބުނީ ކީއްވެ ކަމެއް އޭނާއަށް ނުވިސްނުނެވެ.
"މިތަނުން ދާން އުޅޭ ރެވް.. ރެވް ނޫނަސް މިތަނުގައި މީހުން ތިބިކަން ހަނދާން ނައްތާނުލާތި.. " ތާރާ ބުންޏެވެ.
" ކީއްވެ ހައިރާން ވާ ކަމަށް ތިހެދެނީ.. ތާރާ ކައިރީ ބުނީމެއްނު އަހަރެން ދުއާގެ ފައިދާ ނެގީޔޭ.. " ތާރާ ދައްކާ ވާހަކައަކަށް ނުބަލާ އާރަވް ބުނެލިއެވެ.
" އަހަރެން ތިކަހަލަ ވާހަކައެއް ނުބުނަން.. " ތާރާއަށް ބަލައިލުމަށްފަހު ހައިރާންވެފައި ހުރެ ދުއާ ބުންޏެވެ.
" ލުކް ދުއާ.. އަހަރެން މިތަނަށް މިއައީ ދެބަސް ވާކަށް ނޫން.. ހަމައެކަނި ވާހަކަ ދައްކާލަން.. ޕްރައިވެޓް ކޮށް.. " އަނެއްކާވެސް އާރަވް ބުންޏެވެ.
" ރެވް!! މިބުނީނު މިތަނުން ދާން އުޅޭށޭ... " ތާރާ ހިތްހަމަނުޖެހިފައި ބުންޏެވެ.
" ރީތިކޮށް ބުނެގެން ނުދަންޏާ އަހަރެންނަށް އެނގޭ ބާރުގެ ބޭނުން ކުރަން.. " މިހެން ބުނެ އާރަވް ކުއްލި ހަރަކާތަކާއެކު ދުއާގެ އަތުގައި ހިފެހެއްޓިއެވެ. ތާރާއާއި ދުއާ ދޫކޮށްލާށޭ ބުނަމުން ދިޔައިރުވެސް އެއަޑެއް ނާހާ އާރަވް ދުއާ ގޮވައިގެން ގޮސް ހަމަދްގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 23 އޯގަސްޓް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް