ހިންމަފުށީގައި ހަމަނުޖެހުން ހިންގައިގެން ފަސް މީހުން ހައްޔަރުކޮށްފި

ކ. ހިންމަފުށީގައި ހިންގި ހަމަ ނުޖެހުންތަކަކާއި ގުޅިގެން ފަސް މީހުން ހައްޔަރު ކޮށްފި އެވެ. އެރަށުގައި ހަމަނުޖެހުން ހިންގީ ގެސްޓުހައުސްއަކަށް ގެއްލުން ދިނުމަށް ފަހު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަ...

21 Aug 2022 | 10:07

ކ. ހިންމަފުށީގައި ހިންގި ހަމަ ނުޖެހުންތަކަކާއި ގުޅިގެން ފަސް މީހުން ހައްޔަރު ކޮށްފި އެވެ.

އެރަށުގައި ހަމަނުޖެހުން ހިންގީ ގެސްޓުހައުސްއަކަށް ގެއްލުން ދިނުމަށް ފަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ރަށުގެ ގެސްޓްހައުސްއަކަށް ގެއްލުންދިން މައްސަލަ ހުށަހެޅީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު 3:45 ގައި ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ކޯޓުގެ އަމުރެއްގެ ދަށުން އެ ރޭ ހައްޔަރުކުރިއަސް، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފަ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ފަހުން އެރޭ ދަންވަރު ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެ ހަމަ ނުޖެހުންތަކާއި ގުޅިގެން 20 އަހަރާއި 27 އަހަރާއި 29 އަދި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު ދޫކޮށް، ބާކީ ތިބި ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ގެސްޓްހައުސްގެ ތިރީގައި ހިންގާ ރެސްޓޯރެންޓަކަށް ވަދެ އެ ތަނުން ގޮނޑިއެއް ނަގައި ކާ އެއްޗެހި އަޅާ ބިއްލޫރި ޝޯކޭހަކާ ދިމާލަށް ގޮނޑި އެއްލާލައި، އެ އެތި ތަޅާލާ ތަނެވެ. އެއަށްފަހު އޭނާ އެ ތަނުން ނުކުމެގެން ދަނީ އެވެ.

އެ ދެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް