ނަޝީދާއި ހެދި އެމްޑީޕީގެ ކޮންގްރެސް ހޫނުވެ، މެމްބަރުން އަޑުގަދަ ކޮށްފި

މިހާރު ކުރިޔަށްދާ އެމްޑީގެ ކޮންގްރެސް ހޫނުވެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަސް އަޑުގަދަ ކޮށްފި އެވެ. ކޮންގްރެސް ކުރިޔަށް ދަނީ ހުކުރު ދުވަހުގެ...

21 Aug 2022 | 08:41

މިހާރު ކުރިޔަށްދާ އެމްޑީގެ ކޮންގްރެސް ހޫނުވެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަސް އަޑުގަދަ ކޮށްފި އެވެ.

ކޮންގްރެސް ކުރިޔަށް ދަނީ ހުކުރު ދުވަހުގެ ރޭއިން ފެށިގެން މިރޭގެ ނިޔަލަށެވެ.

މިއަދު ހެނދުނު ދަންފަޅީގައި ބައްދަލުވުން ހޫނުވީ ކޮންގްރެސްގެ މަންދޫބުންނަކީ ގަވައިދާ ހިލާފަށް ހަދާފައިވާ ގޮފިތަކެއްގެ ބައެއް ކަމަށް ނަޝީދު ވިދާޅުވުމުންނެވެ. އެންމެ ފުރަތަމަ ގޮފިތަކުގެ ގަވައިދުގައި އޮންނަ ގޮތަށް، ކެމްޕެއިނެއް ކޮށްގެން އިންތިހާބުވެގެން ތިބީ ކިހާ މެމްބަރުނެއްތޯ ސުވާލު އުފެއްދެވީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

އެކަމަށް ރައްދު ދެއްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، ކޮންގްރެސްމަނުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ތަނުގައި ތިބީ ސައްހަ މެމްބަރުން ކަމަށެވެ. ޝަރީފްގެ އެ ވާހަކަ އަށް ކޮންގްރެސްގެ ގިނަ މެމްބަރުން ތާއީދު ކުރައްވައި އަތް ޖެހި އެވެ.

ޝަރީފަށް ރައްދު ދެއްވުމަށް ފުރުސަތަކަށް އެދިވަޑައިގެން ތެދުވެ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގިނަ ގޮފިތަކެއް ގަވައިދާ ހިލާފަށް ހަދައިގެން އެތަނަށް ގޮސް ތިބިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭނެ ކަމަށެވެ.

އެ މަނިކުފާނު އެހެން ވިދާޅުވުމާއެކު މުޅި ކޮންގްރެސް ހޫނުވެ، މެމްބަރުން ތެދުވެ ނަޝީދާ ދެކޮޅަށް އަޑުގަދަ ކުރަން ފެށި އެވެ. ނަޝީދަށް އިތުރަށް ވާހަކަފުޅު ދައްކަވަން ވެސް ފުރުސަތު ލިބިވަޑައިނުގަންނަވާ ވަރަށް ކޮންގްރެސްމަނުން އަޑުގަދަ ކޮށް ހަޅޭއްލެވި އެވެ. އެހެންވެ، ނަޝީދު ވެސް ވާހަކަފުޅު ކުރުކޮށްލައްވައި އިށީނދެވަޑައިގަތެވެ.

އޭގެފަހުން ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންހެން ނަޝީދަށް ރައްދު ދެއްވައި ވާހަކަ ދެއްކެވި އެވެ. އެގޮތުން ކޮންކްރީޓު މެޝިނާއި ފޮށިފޮއްޓަށް ވޯޓު އަޅައިގެން އެ ސައްހަ ވާ ނަމަ އެ ބޭފުޅުންނަކީ ވެސް ސައްހަ މީހުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް