މިއީ އއ. މަތިވެރިއަށް އުފަން، އުމުރުން 28 އަހަރުގެ އިރުފާން އަލީ (އިރުބެ) ގެ ވާހަކައެވެ.
މާފަންނު ލެމަންގްރާސްގައި ކޮފީއަކުން ފެށި އިރުބެގެ ވާހަކައިން އެންމެ އަޑުއަހާ ހިތުން އަހާލެވުނު ވާހަކައިން ފަށާނަމެވެ.
"އަހަރެންގެ ބައްޕައަކީ އިނގިރޭސިބަހުން ލިޔަން ކިޔަން އެނގޭ މީހެއް ނޫން، އެކަމަކު އޭނަ އެބަ ހޯދައޭ މަހަކު 40، 50 ހާސް ރުފިޔާ، އެހެންވީމަ އަހަރެން ބޭރުން ކިޔަވައިގެން އައިސް އެއަށްވުރެ ދަށުން ހޯދަންޏާ އަހަރެން އެބަ ލަދުގަންނަން ޖެހޭ ދޯ" މިއީ އިރުބެގެ ވަރުގަދަ އަޒުމުގެ ވާހަކަ ފެށޭ ހިސާބެވެ.
އިރުބެ ބޭނުންވަނީ މަންމައާއި ބައްޕަ ފަހުރުވެރިވާ ފަދަ ދަރިއަކަށް ވާށެވެ. ތައުލީމު ދިނުމަށް ބައްޕަ އެ ކުރި ހަރަދާއި ބައްޕައާއި މަންމަ އެ ވި ގުރުބާނީއަކީ ބޭކާރު ކަންކަން ނޫންކަން މައިންބަފައިންނަށް ސާބިތުކޮށްދިނުމަށެވެ.
"ބޭނުންވަނީ ސާބިތުކޮށްދޭން މަންމައާއި ބައްޕައަށް، ތިހިރީ ހަމަ ރަނގަޅު ދަރިއެކޭ ބިނާކޮށްފަ، މަންމައާއި ބައްޕަ ފަހުރުވެރިކުރުވުން މަގުސަދަކީ" އިރުބެގެ ވާހަކައިގެން ކުރިއަށްދިޔައެވެ.
މި ކަމުގައި އިރުބެ ގަބޫލުކުރާ ހަމައެއް އެބަ އޮތެވެ. އެއީ ކިޔަވައިފިއްޔާ ނުކިޔަވާ ތިބި ނުވަތަ ކިޔަވަން ފުރުސަތު ނުލިބޭ މީހުންނަށްވުރެ މަތިން އާމްދަނީ ހޯދަން ޖެހޭނެކަމުގެ ހަމައެވެ. އެއްވެސް ހާލަތެއްގައި ނުކިޔަވާ ނޫނީ ކިޔަވާނެ ފުރުސަތު ނުލިބޭ މީހުންނަށް ބަދުބަހެއް ބުނުމުގެ ނިޔަތަކު ނޫނެވެ. ނަމަވެސް ކިޔަވައިގެން ގިނަވެގެން 18 ހާސް ހޯދާއިރު އުމުރުން ދުވަސްވީ ބައްޕަ މަންމަމެންވެސް އަދިވެސް އެވަރު ހޯދާއިރު އެއަށްވުރެ ދަށުން، ކިޔަވައިގެން ތިބި ދަރިން ހޯދާނަމަ އެއީ ހަމަޖެހޭ ކަމެއް ނޫންކަމުގައި އިރުބެ ގަބޫލުކުރެއެވެ.
އިރުބެ އެކަޑަމީ
އއ. މަތިވެރީގައި މިހާރު ހުރި އެންމެ ޒުވާން އެއް ވިޔަފާރިވެރިޔާ އިރުބެ މިހާރުވެސް އަންނަނީ ތަފާތު އެތައް ވިޔަފާރިއެއް ކުރަމުންނެވެ. އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި ކުރެއެވެ. ގެސްޓްހައުސް ހިންގައެވެ. އަމިއްލަ ކެފޭއެއް، އަމިއްލަ ވޯޓާ ސްޕޯޓްސް އަދި އެކްސްކާސަންސް ސެންޓަރެއް ރަށުގައި ހިންގައެވެ. މަސް ސަޕްލައި ކުރުމުގެ މަސައްކަތުގައިވެސް ހަރަކާތްތެރިވެއެވެ. މިފަދަ އިތުރު ވިޔަފާރިތަކުގައިވެސް އުޅެމުން އިރުބެގެ އައިކޯނިކް އެއް މަސައްކަތަކީ އިރުބެ އެކަޑަމީ އެވެ.
ސޯޝަލް މީޑިއާގައި ސްކްރޯލް ކުރާއިރު ހަމަ ކޮންމެ ދުވަހަކުވެސް އިރުބެ އެކަޑަމީގެ ކޮންމެވެސް ކޯހެއް، ކޮންމެވެސް ކްލާހެއް ލޮލުގައި އަޅައިނުގަންނަ ދުވަހެއް މަދުވާނެއެވެ. އޮންލައިންކޮށް ތިޔަ ކޯހެއް ހިންގިދާނެތޯ ބަޔަކު ސުވާލު އުފައްދާ، ހައިރާން ކުރުވާކަހަލަ ކޯސްތައްވެސް އިރުބެ އެކަޑަމީން އަންނަނީ ހިންގަމުންނެވެ.
އިރުބެ އެކަޑަމީގެ ހިޔާލު އައި ގޮތް
ދުވަހަށް އިރުބެ ކިޔައިދިން ގޮތުގައި ޗައިނާގައި ކިޔަވަން ހުރި އިރު، ޗައިނާގެ ކުޑަކުދިންނަށް އިނގިރޭސިބަސް ކިޔަވައިދިނުމުގެ ކްލާސްތަކެއް އިންތިޒާމު ކުރުމުގެ ފުރުސަތު އިރުބެ ހޯދިއެވެ. އޭރު އެކުގައި ކިޔަވަން އުޅޭ ކުދިންގެ އެހީތެރިކަމާއެކު އެންމެ ކްލާސް ރޫމެއްގައި ކުޑަވަރެއްގެ ސްކޫލެއް އިރުބެ ހިންގިއެވެ. އެކަޑަމީއެއްގެ ވިސްނުން އައި ހިސާބަކީ އެއީކަމަށް އިރުބެ ބުންޏެވެ.
އެއަށްފަހު އެ ހިޔާލު އަބަދުވެސް ސިކުނޑީގެ އެއް ފަޅިއެއްގައި އޮތުމަށްފަހު ހިޔާލަށް ރަސްމީ ކުލަ ޖައްސަން ފުރުސަތު ލިބިގެންދިޔައީ ކޮވިޑާއެކު އައި ކަރަންޓީނުތަކާއިއެކުގައި ކަމުގައި އިރުބެ ބުންޏެވެ.
"އޭރު އާއިލާ ރަށަށް ބަދަލުކުރަން އުޅުނީ، އެހެންވީމަ ރަށަށް ގޮސްފަވެސް ޖެހުނީ 14 ދުވަހު ކަރަންޓީނުވާން، އަނެއްކާ މާލެ އައިސްފަވެސް ޖެހުނީ ކަރަންޓީނުވާން، އެގޮތަށް ހަތަރު ފަސް ކަރަންޓީނުވި އިރު އެ ލިބުނީ މި ހިޔާލަށް ވަގުތު" އިރުބެ ބުންޏެވެ.
އިރުބެ ކިޔާދިން ގޮތުގައި އިރުބެ އެކަޑަމީ ކޮވިޑުގެ ލޮކްޑައުނާއެކު ފެށީ ކުޑަ ގޮތަކަށެވެ. އެގޮތުން ފުރަތަމަ ފެށީ މައިކްރޯސޮފްޓް އޮފީސް ބޭނުންކޮށްގެން އަމިއްލައަކަށް ނަންކޮޅު ހަދާލުންކަހަލަ ކުދި ކުދި ސްކިލްތަކުގެ ކޯސްތަކުންނެވެ.
މަގުސަދަކީ ސީދާ ސްކިލްސް ދަސްކޮށްދިނުން
އިރުބެ ފާހަގަކުރާގޮތުގައި މިހާރު އޭސީ މަރާމާތު ކުރުން، އައުޓްޑޯ އިންޖީނު ރޫޅާ މައްސަލަ ހައްލުކުރުން ފަދަ ވަރަށް ޓެކްނިކަލް ކޯސްތައްވެސް ކުރިއަށްގެންދާއިރު ދުވަހެއް ދުވަހަކަށް ކޯސްތަކަށް ލިބޭ ތަރުހީބު އަންނަނީ އިތުރުވަމުންނެވެ. އަބަދުވެސް ހުއްޓުމެއްނެތި ކޯސްތައް ކުރިއަށްދާކަން އިރުބެ ފާހަގަކުރިއެވެ.
"އަޅުގަނޑެއް ނޫން ކިޔަވާދެނީ، ކިޔަވާދެނީ މަސައްކަތުގެ އަމަލީ ތަޖުރިބާ ހުރި ފަރާތްތައް، ކިޔަވާދޭނީ ސީދާ އެކަމެއް ކުރާނެ ގޮތް، އިރުބެ ގަބޫލުކުރާގޮތުގައި ހަމަ އެކަނި ސެޓިފިކެޓެއް ނޫން މުހިންމީކީ، މުހިންމީ މިފަދަ ސްކިލްސްތައް އެނގުން" އިރުބެ ބުންޏެވެ.
އިރުބެ އެއް މިސާލެއްގެ ގޮތުގައި ނެގީ އޭސީ އަށް ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް ދަސްކޮށްދޭ ކޯހެވެ. އެ ކޯހުގެ ފީއަކީ 1300 ނުވަތަ 1400 ރުފިޔާ ކަމުގައިވާއިރު އެންމެ އޭސީއެއް އިންސްޓޯލްކޮށްލައިގެން އެވަރު ލިބޭނެކަމާއި ދެން ލިބޭ ހުރިހާ މަސައްކަތަކީ އެ ފަރާތަކަށް ލިބޭނެ ސާފު ފައިދާކަން އިރުބެ ފާހަގަކުރިއެވެ.
އިރުބެ ދެން ދެކެން ބޭނުންވާ ހުވަފެން: އިރުބެ ކޮލެޖް
އިރުބެ ފާހަގަކުރި ގޮތުގައި އިރުބެ އެކަޑަމީ ކާމިޔާބު ކަމާއެކު ހިންގަމުން އަންނަތާ ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު ދެން އިރުބެގެ މި ދާއިރާއިން ދެކެން ބޭނުންވާ ހުވަފެނަކީ އިރުބެ ކޮލެޖު ވުޖޫދުވެގެން އައުމެވެ. އެކަމަށް މިހާރު ތައްޔާރުވަމުން އަންނަކަންވެސް އިރުބެ ފާހަގަކުރިއެވެ. އަދި އަންނަ އަހަރުގެތެރޭގައި މި ހުވަފެން ހަގީގަތަކަށް ވެގެންދާނެކަމުގެ އުންމީދުކުރާކަންވެސް އިރުބެ ފާހަގަކުރިއެވެ. އިރުބެ ހުރީ އެހިސާބުން ހުއްޓާލާގޮތަކަށްވެސް ނޫނެވެ. ކޮލެޖަށްފަހު ދެން އަމާޒު ހުރީ އިރުބެ ޔުނިވާސިޓީ ވުޖޫދު ކުރުމާއި ދިމާއަށެވެ. ކޮލެޖާއި ޔުނިވާސިޓީ ވުޖޫދުވިނަމަވެސް އިރުބެ އެކަޑަމީވެސް ކުރިއަށްދާނެކަން އިރުބެ ހާމަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް